31 ޖެނުއަރީ 2021 - 19:29

މެޑްރިޑް (ޖެނުއަރީ 31) - ޔޫރަޕްގެ ވަރުގަދަ ކްލަބްތައް އަޑީގައި އޮވެގެން ސުޕަ ލީގެއް އުފައްދަން ކުރާ މަސައްކަތަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތާއީދުކުރާ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ތުހުމަތުކޮށްފި އެވެ.

ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތަކުގެ ބައިވެރިވުން ބޮޑުކޮށް އާ ލީގެއް އުފައްދަން މަޝްވަރާކުރާކަމުގެ އަޑުތަކެއް މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ވަނީ ގަދަވެފަ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު ލިބުނީ 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން އާންމުކުރި ރިޕޯޓްތަކަކުންނެވެ. އޭރު ރިޕޯޓްކުރެވުނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ސުޕަ ލީގުގެ މަސައްކަތްތައް ވަރުގަދަކޮށް ލަސްވެގެން ދެ އަހަރު ތެރޭ ލީގު ފަށާ ގޮތަށެވެ.
ދާދި ފަހުން ފީފާގެ ރައީސް އިންފަންޓީނޯގެ އިތުރުން ދުނިޔޭގެ އެކި ބައްރުތަކުގެ ފުޓްބޯޅަ ހިންގާ ފެޑެރޭޝަންތަކުގެ ރައީސުން ސޮއިކޮށް ވަނީ ސުޕަ ލީގާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ކްލަބްތަކުން ސުޕަ ލީގުގައި ބައިވެރިވާނީ އެ ޓީމެއް ހިމެނޭ ގައުމެއްގެ ލީގުން ވަކިވެފަ އެވެ.
ފްރާންސްގެ އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ އެ ބަޔާނުގައި އިންފަންޓީނޯގެ ސޮއި ހިމެނުނު ނަމަވެސް އެއީ ހަގީގީ މަންޒަރު ސާފުވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އިންފަންޓީނޯ އަންނަނީ ސުޕަ ލީގެއް ވުޖޫދުވުމަށް ކުރަން ޖެހޭ އެކި މަސައްކަތްތަކުގައި ލަފާ ދެމުން ކަމަށް ޓެބާސް ވިދާޅުވި އެވެ.
"އަހަންނަށް ލިބިފައިވާ މައުލޫމާތު ގޯސްނުވާކަމަށްވާނަމަ ސުޕަ ލީގުގެ މަޝްވަރާތަކުގައި އިންފަންޓީނޯގެ ބައިވެރިވުން ބޮޑު. ސުޕަ ލީގު އުފަންވާއިރު އިންފަންޓީނޯ އަށް ހާއްސަ ރޯލެއް ވެސް ދޭ ގޮތަށް މަޝްވަރާކުރެވިފައި އޮތީ،" ޓެބާސް ވިދާޅުވި އެވެ.
ޓެބާސްގެ ކުރި ތުހުމަތާ ގުޅިގެން އޭއެފްޕީ އިން ފީފާގެ ބަހެއް ހޯދަން މަަސައްކަތްކުރުމުން ފީފާގެ ތަރުޖަމާނު ދިނީ މި މަހުގެ 21 ވަނަ ދުވަހު އެ ފެޑެރޭޝަނުން ނެރެފައިވާ ނޫސްބަޔާނެވެ. އޭގައި ބުނެފައިވަނީ ސުޕަ ލީގުގައި ބައިވެރިވާ އެއްވެސް ކްލަބެއް އެއްވެސް ފެޑެރޭޝަނަކުން އަދި ފީފާ އިން ބަލައިނުގަންނާނެ ކަމަށެވެ
"ފީފާގެ ނިންމުން މީގެ ރަނގަޅު. މީގެ ވިސްނަންޖެހޭ ކަަމަކީ ފީފާ އަކީ އިންފަންޓީނޯ އެއް ނޫންކަން. އިންފަންޓީނޯ އެބަޖެހޭ ފީފާގެ ބަދަލުގައި އޭނާ އަމިއްލަ ނަޒަރުގައި މީގެ ދެކޭގޮތް ވެސް އާންމުންނަށް އަންގަން. އަހަންނަށް ވަރަށް ޔަގީންކަމާ އެކު ބުނަން ކެރޭ މީގެ އިންފަންޓީނޯގެ ބައިވެރިވުން އެބައޮތް ކަމަށް،" ޓެބާސް ވިދާޅުވި އެވެ.
ސުޕަ ލީގުގެ މަޝްވަރާތަކުގައި ބައިވެރިވާ ކްލަބްތަކުގެ ތެރޭގައި ސްޕެއިނުގެ ގަދަބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ހިމެނެ އެވެ. ޓެބާސް ވިދާޅުވީ ރެއާލާއި ބާސެލޯނާ ފަދަ ކްލަބްތަކަށް މި ކަހަލަ މަޝްވަރާތަކުގައި ބައިވެރިވެވޭނީ ފުޓްބޯޅައިގެ އެންމެ އިސް އަދި އެންމެ ނުފޫޒުގަދަ މަގާމުތަކުގައި ތިބި މީހުންގެ އަތެއް ވެސް މިކަމުގައި އޮތުމުން ކަމަށެވެ.