31 ޖެނުއަރީ 2021 - 08:59

މެޑްރިޑް (ޖެނުއަރީ 31) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ލެވަންޓޭ އަތުން ބަލިވެ ލީގު ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުންދާ މަސައްކަތުގައި އިތުރު އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.
ރޭގެ މެޗުން ރެއާލް ބަލިވުމުން އެ ޓީމު ދެ ވަނައިގައި އޮތީ އެއް ވަަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅުނު ނަމަވެސް ހަތް ޕޮއިންޓް މަދުން ހޯދައިގެންނެވެ. އެތުލެޓިކޯ އަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 40 ޕޮއިންޓް ހަމަކުރެވުނީ 20 މެޗުންނެވެ. އެތުލެޓިކޯ މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަޑިޒްއާ އެވެ.
ރެއާލުން ރޭގެ މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ލެވަންޓޭގެ ސާޖިއޯ ލެއޯން އަށް ކުރި ފައުލަކަށް ފުރަތަމަ މިލިޓާއޯ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރަތް ކާޑަކަށް ބަދަލުކުރީ އެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ރެއާލުން ވަނީ އެޓޭކިން ކުޅުމެއް ދައްކައި މެޗުގެ 14 ވަނަ މިނިޓްގައި މާކޯ އަސެންސިއޯގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޓޭގެ ހޯސޭ ލުއިސް މޮރާލޭސް ވަނި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ލެވަންޓޭ މޮޅުކޮށްދިން ގޯލު މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ރޮޖާ މާޓީ އެވެ.
އަނިޔާގެ ސަބަބުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ރޭގެ މެޗުގައި ނުކުޅެ އެވެ. އަދި އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ މި ވަގުތު ހުރީ ޓީމާ ދުރުގަ އެވެ.
ލީގުގައި ރޭ އެއިބާ އަތުން 2-0 އިން މޮޅުވެ، ސެވިއްޔާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 20 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ހަތަރު ވަނައިގައި އޮތީ 19 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެން ބާސެލޯނާ އަށް އަލުން ތިން ވަނަ އަށް އެރޭނެ އެވެ.