31 ޖެނުއަރީ 2021 - 07:37

ބުދަ ދުވަހާ ގުޅޭ
ތުހުމަތުގެ އިނގިލި ދިއްކުރެވުނީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުވައިކޮށްގެން ހުރި މީހާއަށެވެ. ރައީސުލް ޖުމްހޫރިއްޔާއަށެވެ. ވުމާއެކު، ސަރުކާރުން ބޭނުންވީ ވީހާ ވެސް އަވަހަކަށް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިދޭށެވެ. ކުށް ކުރި މީހާއާއި، އެ ކަމުގެ އަޑީގައި ތިބި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާށެވެ. މަރާލެވުނު ރަޝީދަކީ މީސްމީޑިޔާގެ އަލިގަދަ ތަރިއެކެވެ. ސަރުކާރުގެ ކަންކަމަށް ފާޅުގައި ފާޑުކިޔައި، ސިއްރުތައް ހާމަކުރާ، ޖެހިލުން ކުޑަ މީހެކެވެ. މީސްމީޑިޔާގެ ނިންމުމަކީ މިއެވެ. ރަޝީދު ސަރުކާރަށް ފާޑުކިޔާތީ ރަޝީދު ހިމޭންކޮށްލީއެވެ. އޭގެ އަޑީގައި ތިބީ ވެރިކަން ކުރާ ޕާޓީގެ ބޮޑުންނާއި ގައުމުގެ ވެރިމީހާއެވެ.
ތުލުސްދޫ ވޭދަނައިގެ ސުންކުތައް ތަހުލީލުކުރުމުގައި އަވަދިނެތި އުޅުނު ޒިޔާނަށް އަނެއްކާ ވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެއްކޮޅުން މަސައްކަތް އިތުރުވިއެވެ. އަނެއްކޮޅުން އަހުސަން ވަކިވުމުގެ ނުތަނަވަސްކަން ޒިޔާންގެ ހިތުން ނުފިލަނީސް އެހެން އެކުވެރިއެއް ވަކިވެގެން ދިޔައީއެވެ. އެއާ އެކުއެކީގައި، މަނާރަތު ގެއްލިދާނެ ކަމުގެ ބިރުވެރި ރަނގަބީލު ވެސް، ޒިޔާންގެ ސިކުނޑީގައި ހުއްޓުމެއް ނެތި ޖެހެމުން ދިޔައެވެ. ޒިޔާނަކަށް ގެއަކަށް ނުދެވެއެވެ. ދީމާއާއި ދަރިންނާ ބައްދަލުވާނެ ފުރުސަތެއް ނެތެވެ. ފޯނުން ވާހަކަދައްކަން ވެސް މާ ގިނަ ވަގުތެއް ނުލިބެއެވެ. ދަނޑިވަޅު ވަރަށް ނާޒުކެވެ. މަނާރަތަށް އަނެއްކާ ވެސް ފުރުސަތެއް ފަހިވީއެވެ.
ތުލުސްދޫ މައްސަލައިގައި ކުށްކުރި މީހާ އަތުލައިގަނެވުނެވެ. ޒިޔާންގެ އެހީތެރިކަމާ އެކުގައެވެ. ރަޝީދު މައްސަލައިގައި އެތައް ދިމާއަކުން ކުރިއެރުން ލިބުނެވެ. އެ ކަން ކުރީ އެންމެ މީހެއް ނޫނެވެ. ސީސީޓީވީގެ އެހީގައި އެންމެންގެ މޫނު ދެނެގަނެވުނެވެ. ވަޅި ހިފައިގެން ހުރި މީހާ ފާހަގަކުރެވުނެވެ. ފޮރެންޒިކް ޑިޕާޓުމަންޓުން ރިޕޯޓު ތައްޔާރުކުރަމުން ގެންދިޔަ އިރު، ތަހުގީގު ޓީމުން މައްސަލައިގެ ފުނަށް ފީނަމުންދިޔައެވެ. ލެބޯޓަރީ ތަހުލީލު ތަކުގައި ޒިޔާން އިސް ދައުރެއް އަދާކުރި ދެ މައްސަލަ ވެގެން ދިޔައީ ޒިޔާންގެ ކުރިމަގަށް ހުށައެޅުނު ދެ ހަރުފަތަށެވެ. މަނާރަތުގެ ކުރިމަގަށް ހުރަސްވި ދެ ފަރުބަދަޔަށެވެ.
މަނާރަތު ފުރަން ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހުއެވެ. ހޮނިހިރު ދުވަހުގެ ރޭ ވެސް މަނާރަތާއި ޒިޔާން ސައިކަލު ދުއްވައިލަން ދިޔައެވެ. އެއީ ކާން ޒިޔާން މަސައްކަތް މެދުކަނޑައިލި ވަގުތެކެވެ. ދިޔަ މަގުމަތީގައި މަނާރަތު ދެއްކި ވާހަކަތަކުގެ އެންމެ ފަލަ ސުރުހީއަކީ ރަޝީދުގެ މަރެވެ. އެ ކަމުގައި ޒިޔާންގެ ހުނަރު އޭގެ އެންމެ ފުޅާ މިނުގައި ބޭނުންކުރުމަށް މަނާރަތު އެދުނެވެ. ވެރިޔެއްގެ ހައިސިއްޔަތުންނެވެ. ކުށްވެރިން ފިލާ ތިބި ތަންތަނަށް ހެކީގެ މިރުސްދުން އަޅައި، ކުށްވެރިން ނެރެ، ގާނޫނޫގެ ކުރިމަތީގައި އަތުރައިލައިދިނުމަށް އެދުނެވެ. ޒިޔާން ހިތަށްއެރިއެވެ. މަނާރަތުގެ ހިތް ހެޔޮ ބާއެވެ؟ ނޫނީ އެއީ ޒިޔާންގެ ލޮލުގައި އަޅާ އަނދުނެއް ބާއެވެ؟ ޑިޕާޓުމަންޓުގެ ބޮޑު ސިއްރު ނޭނގޭ އެކަކު ވެސް ނުހުންނާނެއެވެ. ވީއިރު މަނާރަތުގެ ހިތް ޒިޔާނަށް ހެޔޮވާންވީ ކީއްވެގެން ހެއްޔެވެ؟ މަގާމަށް ވުރެ މުހިންމު އެއްޗެއް މަނާރަތަކަށް ނޯންނާނެއެވެ.
"ރަޝީދު ކޭސްގެ މޫތައް ވަރަށް ދިގުވާނެ،" ސައިކަލު ފަހަތުގައި އިން މަނާރަތު ބުންޏެވެ. "އަހަރުމެންގެ ޑިޕާޓުމަންޓަށް ވެސް ބައެއް ކޮޅުތައް ވަދެފަ ހުންނާނީ. ގެރެންޓީ! އަހަންނަކަށް ނޭނގެ ޓްރަސްޓު ކޮށްފަ ނުކުރާނެ މީހެއް."
"ދެން އެހެން ވާހަކައެއް ދައްކަންވީނު! މާދަމާ ތި ފުރަނީ! މަނާއަށް އެނގޭނެ އަހަރެންގެ ފެންވަރު،" ޒިޔާން ބޭނުންވީ މައުލޫ ބަދަލުކޮށްލާށެވެ. "ވެޕަން ފެނިއްޖެ! ސީސީޓީވީ ފުޓޭޖު އަތުޖެހިއްޖެ! ނުވާ ތާކަށް އައިވިސްޓްނަސް އެބަ ތިބި. އަހަރެންގެ މުޅި ކެރިއަރ މި ކޭސްގެ އެއްކޮޅަށް ލާނަން. އެ ކަމާ މަނާ ވިސްނާނެ ކަމެއް ވެސް."
ޒިޔާން އެހެން ބުނި އިރު ވެސް މަނާރަތަށް ނުވިސްނާ ނުހުރެވޭނެކަން ޒިޔާނަށް އެނގެއެވެ.
"ތިހެން ވިއްޔާ ހިނގާބަލަ ތަންކޮޅެއް އެހެން ކަހަލަ ދިމާއަކަށް." މަނާރަތު އެދުނެވެ.
މަނާރަތު ބުނި އެއްޗެއް ޒިޔާނަށް ވިސްނުނެވެ. ދެމެދުގައި ހިނގަން ނުވާ އެތައް ކަމެއް ކުރިން ވެސް ހިނގައިފިއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރުއެވެ. ދެން އެ ކަހަލަ ކަމެއް ހިނގިޔަ ނުދޭން އޮތީ އެއްބަސް ވެވިފައެވެ.
"އެހެން ކަހަލައޭ؟" ނޭނގޭ ކަމަށް ހެދިފައި ޒިޔާން ސުވާލުކުރިއެވެ. "އެއީ ކޮން ކަހަލައެއް؟"
"އަނދިރި ތާކަށް،" މަނާރަތު ބުނި އަޑު އިވުނެވެ. "މާލޭގަ ވެސް އަނދިރި ތަންތަން ހުރެއެއްނު!"
ޒިޔާން އިނީ ދުރާލައި ތައްޔާރުވެގެންނެވެ. ޒިޔާންގެ އެކުވެރިން ޒިޔާންގެ ލޯހުޅުވައިދީފިއެވެ. އެހެނަސް މަނާރަތުގެ އެދުމަށް އިންކާރުކޮށްގެން ފިނޑިއަކަށް ވާކަށް ޒިޔާން ބޭނުމެއް ނޫނެވެ. ޒިޔާން ދިޔައީ މާލޭ އިންޖީނުގޭ ކައިރީގައި އޮންނަ ފަތާ ސަރަހައްދަށެވެ.
"މި ތަން މާ އައްޔެއްނު!" މަނާރަތު ބުންޏެވެ.
މާލެ ތެރެއިން އަނދިރި ތަނެއް ހޯދަން މާލެ ވަށައި ދެ ބުރު ޖެހި އިރު ވެސް މަނާރަތު އެ ބުނާ ކަހަލަ "އަނދިރި ތަނެއް" ޒިޔާނަކަށް ނުފެނުނެވެ. އެންމެ ގާތްކުރާ ތަނަކަށް ފެނުނީ މަސްވެރިންގެ ޕާކެވެ. އޭރު ގަޑިން ރޭގަނޑު އެގާރަ ގަޑި ބައި ވަނީއެވެ. އެ ތަނަށް ދިޔުމުން މަނާރަތަކަށް އެ ތަން ވެސް ކަމަކުނުދިޔައެވެ.
"އެހެން ތަނެއް ހަމަ ނެތްތަ؟" މަނާރަތު އެހިއެވެ.
"މިހާރު މާލެ ވަށާ ކިތައް ބުރު ޖެހިއްޖެ؟ ކީއްކުރަންތަ އަނދިރި ތަނެއް ކޮންމެހެން ތި ހޯދަނީ؟" ޒިޔާން އެހިއެވެ.
"ދެން ހަތަރު ދުވަސް ވަންދެން ޒިޔާނެއް ނުފެންނާނެ. އަހަރެން ބޭނުންވަނީ ފަހުން ރިގްރެޓްވާ ވަރުގެ މެމޮރީއެއް ރައްކާކުރަން،" ބުނެވޭނެ އެންމެ ސީދާކޮށް މަނާރަތު ބުންޏެވެ. "އަހަރެން ކިހާ ލޯބިވާކަން ޒިޔާނަށް އަންގަން އަހަރެން ބޭނުން."
މަނާރަތު އެ ބުނާ އެއްޗެއް ޒިޔާނަށް ވިސްނުނެވެ. އެކަމަކު ތިންވަނަ ފަހަރު އެ ފާފަ ކުރާކަށް ޒިޔާން ބޭނުމެއް ނުވިއެވެ. މަނާރަތު ހިތްހަމަނުޖެހުނީ އެ ހިސާބުންނެވެ. މަސްވެރިންގެ ޕާކުގައި ތިބެގެން ދެ މީހުން ވާހަކަދެއްކީކީ ނޫނެވެ. ހިމޭންކަމާ އެކުގައި އަރާރުންވެ، ދެބަސްވީއެވެ.
"މަނާގެ ތިންކިން އަހަންނަކަށް ހަމަ ނުވިސްނޭ،" ހިތްހަމަނުޖެހިފައި ޒިޔާން ބުންޏެވެ. "އަހަރެން މި ބުނަނީ ހިނގާށޭ މެރީކުރަން. އަހަރުމެން ކޮންމެހެން މި ކަހަލަ ތަންތަނަށް އައިސް ފާޑުފާޑަށް އުޅޭކަށް ނުޖެހޭ! މީ ކިހާ ރިސްކީ ކަމެއް. އަހަރުމެން ދެ މީހުންގެ ކެރިއަރ ވެސް މަޅިއަރާ ކަހަލަ ކަމެއް މީ. ޕްލީޒް މަނާ! ހިނގާ މެރީކުރަން. ރިޕީޓުކޮށް އެއް ވާހަކަތަކެއް މި ދައްކަންޖެހެނީ."
"ޒިޔާނަކީ ހުރިހާ ގޮތަކުން ވެސް ޕާފެކްޓު މީހެއް،" މަނާރަތު ޖަވާބުދިނެވެ. "އަލުން ރަނގަޅު ކުރަން ޖެހޭ އެއްވެސް މައްސަލައެއް ޒިޔާންގެ ނެތް. މައްސަލައަކީ އަހަރެން. އަހަރެން ބޭނުމެއް ނޫން މީހަކާ މެރީކުރާކަށް. އަހަރެން ވެސް ހަމަ ރިޕީޓޭ ކުރަން މި ޖެހެނީ. ކީއްވެތަ ޒިޔާނަށް އެ ތަންކޮޅު އަންޑަސްޓޭންޑް ނުވެގެން ތި އުޅެނީ؟ ގިނަ ފިރިހެނުން ބޭނުންވާނީ މެރީނުކޮށް މިހެން އުޅެން. ހެޑޭކް ފްރީއެއްނު!"
"ގިނަ ފިރިހެނުން ބޭނުންވާ ގޮތް މަނާއަށް ކިހިނެއް އެނގެނީ؟" ޒިޔާން އެހިއެވެ. "އެ ސުވާލުގެ ޖަވާބު ކޮންމެހެން ދޭނެ ކަމެއް ނެތް. އަހަރެންގެ ޕޮއިންޓަކީ ކީއްވެހޭ އަހަންނާ މެރީކުރަން މަނާ ބޭނުން ނުވަނީ؟"
ދެ މީހުންގެ ވާހަކަ ކޮޅެއްގައި ނުޖެހި ދިގުލަމުން ދިޔައެވެ. ދަންވަރު އެއްގަޑި ބައި ވަންދެން ދެ މީހުން ވާހަކަދައްކަން ތިއްބެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" މަނާރަތު ބުނަން ނުބުނަން އިނދެފައި ބުންޏެވެ. "ތެދަށް ޖަވާބު ދޭތި! ޒިޔާން ބޭނުންތަ ޔުނިޓުގެ ހެޑަކަށް ވާން؟"
"އަހަރުމެން މި ތަނަށް އައީ އޮފީސް ވާހަކަދައްކަންތަ؟" ޒިޔާން ވެސް ކުރީ ސުވާލެކެވެ.
"ދެން ނޭނގުނެއްނު!" ބޮލުގައި އަތްއަޅަމުން މަނާރަތު ބުންޏެވެ. "އަހަރެން ބުނާ ކަމެއް ނުކުރެވޭ! އަހަރެން ދައްކާ ވާހަކައެއް ކަމަކުނުދޭ!"
ގުޅުމެއް ދެމިއޮންނާނީ ބޭނުމެއް އޮވެގެންނެވެ. އެއްވެސް އެއްޗެއް ހިލެއަކު ނުލިބޭނެއެވެ. އެކުވެރިކަން ވިޔަސް، ކައިވެނި ވިޔަސް، ލޯބި ވިޔަސް ވެހެވެ. އެ ގުޅުމުގައި ދޭނެ އެއްޗެއް ނެތް ނަމަ، އެ ގުޅުމަކުން ލިބޭނެ އެއްޗެއް ވެސް ނޯންނާނެއެވެ. ޒިޔާން ޖެހުނީ އެ ހަގީގަތް ގަބޫލުކުރާށެވެ. ހިތް ނޭދުނަސް ވެހެވެ. ރީތި ވާހަކައެއްގައި އަލުން ކިޔާލަން ބޭނުންވާ ހިސާބު ފާހަގަކުރާ ފަދައިން، އެ ރޭގެ ހަނދާންތައް އާކޮށްލަން މަޖުބޫރުވާ ކަހަލަ ފާހަގައެއް ޒިޔާން އަތުން މަނާރަތު އަތުލިއެވެ. ކުޅިފަސް ލިބުނީ މަނާރަތަށެވެ.
ޖެހިގެން އައި ދުވަހު މަނާރަތު ފުރުވަން ވެސް ޒިޔާން ދިޔައެވެ. ވަޒީފާއާއި ލޯބީގެ ދެމެދުގައި ޒިޔާން ހުރީ ހައްޔަރުވެފައެވެ. ޒިޔާންގެ މޫނުމަތީގައި ހުރީ މަނާރަތު ބޭނުންވި ކަހަލަ ހިތާމައެކެވެ. ތަންކޮޅެއް ކުރިން ހުޅުލެއަށް ދެވުމުން، ވަގުތު ކުރުކޮށްލަން އެ މީހުން ރެސްޓޯރަންޓަށް ވަނެވެ. ކޮފީއެއް ގެނައެވެ.
"އަހަރެން މިސްވާނެ ދޯ؟" ކާމިޔާބުގެ ލާނެތް ހިނިތުންވުމަކާއެކު، މަޑުމަޑުން މަނާރަތު އެހިއެވެ.
އެ ސުވާލަށް ޖަވާބުދޭކަށް ޒިޔާން ބޭނުމެއް ނުވިއެވެ. "ހިނގާ ބޭރަށް ގޮސް މެރީކުރަން."
"ޓޮޕިކް ޗޭންޖް!" މަނާރަތު ވަގުތުން ބުންޏެވެ. "ޒިޔާން ބޭނުންތަ ޔުނިޓު ހެޑަށް ވާން؟"
ވާހަކަ މިސްރާބުޖެހީ ކޮން ދިމާއަކަށްކަން ޒިޔާނަށް ވިސްނުނެވެ.
"އިންޓްރަސްޓެއް ނެތް!" ޒިޔާން ބުންޏެވެ.
"އެހެން ނުވާނެ. ކާކު ވެރިކަން ބޭނުން ނުވާނީ؟" މަނާރަތަކަށް ގަބޫލެއް ނުކުރެވުނެވެ.
"އަހަރެން،" މޭގައި ޖަހައިލައިފައި ޒިޔާން ބުންޏެވެ. "އެކަމަކު ވެރިކަމަކީ މާތް ރަސްކަލާނގެ ދެއްވާ އެއްޗެއް. ލިބިއްޖެއްޔާ ލިބުނީ. ވެރިކަން ހޯދާށޭ ކިޔާފަ އެހެން މީހަކަށް އަހަރެން ދެރައެއް ނުދޭނަން. ޖޮބަށް އަންނަނީ މަސައްކަތް ކުރަން. ކޮށްފަ ދިޔައިމަ ނިމުނީ. މިސާލަކަށް އަހަންނަށް ވެރިކަން ލިބުނަސް، އަހަރެން ބޮޑައެއް ވެސް ނުވާނެ. ޕްރައުޑެއް ވެސް ނުވާނެ."
"ވާނެ!" ޔަގީންކަމާ އެކުގައި މަނާރަތު ބުންޏެވެ. "ތީ ދެން ކާކު ގަބޫލުކުރާނެ ވާހަކައެއް. ޕްރައުޑްވާނެ. ހެދުނު އެއްޗެއް ވެސް ހަދާނެ. އެ ކަހަލަ ސަޅި ޕޮޒިޝަނެއް ކާކު ބޭނުން ނުވާނީ؟ ސިއްރެއް ބުނަންތަ؟ އަހަރެން ނުވޭ އެކަކަށް ވެސް ސެލިއުޓް ނަގާ ހިތެއް. އެކަމަކު އެންމެން ވެސް ޖެހޭނެ އަހަންނަށް ސެލިއުޓުނަގަން."
ނުނިމޭ