އާޖެންޓީނާގެ މަހުޖަނުންގެ އަތުން "ކޮވިޑް ޓެކްސް"
އާޖެންޓީނާގެ މަހުޖަނުންގެ އަތުން "ކޮވިޑް ޓެކްސް"

ކޮވިޑް-19 ގެ ސަބަބުން ހުރަސްތައް ކުރިމަތިވި ވިޔަފާރިތަކަށާއި ސިއްހީ ސާމާނު ގަންނަން އެހީވުމުގެ ގޮތުން އާޖެންޓީނާ ސަރުކާރުން އެ ގައުމުގެ މަހުޖަނުންގެ އަތުން ނަގަން ކަނޑައެޅި ޓެކްސްގެ ގާނޫނަށް އަމަލްކުރަން ފަށައިފި އެވެ.

އެންމެ ފަހަރެއްގެ މަތިން ނަގާ މި ޓެކްސް ދައްކަން ޖެހެނީ މިލްކިއްޔާތުގެ އަގު މަދުވެގެން 2.3 މިލިއަން ޑޮލަރުގައި ހުރި މަހުޖަނުންނަށެވެ. އެގޮތުން އާޖެންޓީނާގައި ހުރި އެ ބައެއްގެ މިލްކިއްޔާތުގެ އަގުގެ ތިން ޕަސެންޓް އަދި ބޭރުގައި ހުރި މިލްކިއްޔާތެއްގެ އަގުގެ ފަސް ޕަސެންޓް، ހާއްސަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.

މި މިންގަނޑަށް ފެތޭ 12،000 މީހުން އާޖެންޓީނާގައި ދިރިއުޅޭ ކަމަށް ލަފާކުރެ އެވެ. އަދި ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ ކަމަށް ވެސް ބެލެވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ފައިސާއިން ސްކޮލޮޝިޕް ދިނުމާއި އިޖުތިމާއީ ބައެއް އެހީތައް ވެސް ފޯރުކޮށްދޭނެ އެވެ.

"މިލިއަނާސް ޓެކްސް"ގެ ގޮތުގައި އާޖެންޓީނާގައި މިހާރު މަޝްހޫރުވެފައިވާ މި ޓެކްސް ނަގަން އެ ގައުމުގެ ސެނެޓުން ފާސްކުރީ ޑިސެމްބަރުގަ އެވެ. ސަރުކާރުގެ ނިންމުމާ މެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔެވެ.

ބައެއް މީހުންގެ ކަންބޮޑުވުމަކީ މި ޓެކްސް ދާއިމީ އެއްޗަކަށް ވެސް ހަދާފާނެތީ އެވެ.

ކޮވިޑްގެ ސަބަބުން އާޖެންޓީނާގެ ފަގީރުންގެ ނިސްބަތް ވަނީ މައްޗަށް އަރައިފަ އެވެ. އެ ގައުމުގެ 40 ޕަސެންޓް މީހުން ހިމެނެނީ ފަގީރުންގެ ދަރަޖައިގަ އެވެ. ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 11 ޕަސެންޓްގަ އެވެ.

އިންސާނިއްޔަތަށް އެހީތެރިވެދޭ ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން ބުނާ ގޮތުގައި ފަގީރުންނާއި މުއްސަނދިންނާ ދެމެދު އާޖެންޓީނާގައި އޮތް ބޮޑު ތަފާތު ކުޑަކުރެވޭނީ މިހާރު ޓެކްސް ނަގަމުން އަންނަ ގޮތަށް ބަދަލު ގެނެސްގެންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ބޮޑެތި ވިޔަފާރިތަކަށް ލިބުނު އިތުރު ފައިދާގެ މިންވަރު 104 ބިލިއަން ޑޮލަރަށް އަރާ ކަމަށް، ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.

މިއީ ދުނިޔޭގެ ފަގީރު ހުރިހާ ގައުމެއްގައި ތިބި ވަޒީފާ ގެއްލުނު މީހުންނަށާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ އެންމެންނަށް މާލީ އެހީތެރިކަން ދެވިދާނެ އަދަދެއް ކަމަށް ވެސް، އެއް ރިޕޯޓެއްގައި ބުނެފައިވެ އެވެ.