30 ޖެނުއަރީ 2021 - 15:39

ލަންޑަން (ޖެނުއަރީ 30) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި އަންނަ މަހު ބެންފީކާއާ ދެކޮޅަށް އާސެނަލް ކުޅެން ހަމަޖެހިފައިވާ މެޗާ ގުޅޭގޮތުން އެ ކްލަބުން އިނގިރޭސި ސަރުކާރާއި ޔުއެފާއާ އެކު މަޝްވަރާތަކެއް ކުރަން ފަށައިފި އެވެ.
ކޮވިޑް-19ގެ އާ ސްޓްރެއިންގެ ނުރައްކާ ޔޫރަޕަށް ބޮޑުވެފައިވާއިރު، އިންގްލެންޑުން މި ވަގުތު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމުގެ ގޮތުން ކަނޑައަޅާފައިވާ ގައިޑްލައިނުތަކުގެ ތެރެއިން ބެންފީކާ ނިސްބަތްވާ ޕޯޗުގަލް އޮތީ ރެޑް ލިސްޓުގަ އެވެ. ރެޑް ލިސްޓުގައިވާ ގައުމުތަކަށް ގޮސްފައި އެނބުރި އިންގްލެންޑަށް އައިސް 10 ދުވަހަށް އެކަހެރިވާންޖެހޭ (އައިސޮލޭޓްވާންޖެހޭ) ގޮތަށް ގަވާއިދުތައް އޮތުމުން އާސެނަލުން ބޭނުންވަނީ ޕޯޗުގަލަށް ނުގޮސް އެ މެޗު ކުޅެވޭނެ ގޮތެއް އޮތްނަމަ އެ ގޮތަށް ކުރިއަށްދާށެވެ.
ފާއިތުވި ހަފްތާއިން ފެށިގެން އިނގިރޭސި ސަރުކާރާއި ޔުއެފާ އަދި އާސެނަލުން ގިނަ މަޝްވަރާތަކެއް ކުރަމުންދާއިރު، މިކަމަށް މިހާތަނަށް އެކަށީގެންވާ ހައްލެއް އޮތީ ނުލިބި އެވެ. ޔުއެފާ އިން ހުށަހަޅާފައިވަނީ އާސެނަލާއި ބެންފީކާ އިން ރުހޭނަމަ އެ މެޗު އެއް ލެގަށް ބަދަލުކޮށްފައި ވިޔަސް ނިއުޓްރަލް ދަނޑެއްގައި ކުޅޭ ގޮތަށް ހެދުމަށެވެ. ނިއުޓްރަލް ދަނޑެއްގައި ކުޅެން ޖެހުނަސް އާސެނަލާއި ބެންފީކާގެ ވިސްނުމަކީ ދެ ލެގު ކުޅުމެވެ.
ޔުއެފާގެ ވިސްނުމަކީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި މިކަމަށް ހައްލެއް ހޯދުމެވެ. އާސެނަލުން ބޭނުންވަނީ ބެންފީކާ އިންގްލެންޑަށް ގެންގޮސްގެން އެ ގައުމުގައި މި މެޗު ކުޅޭށެވެ. އާސެނަލުން ހުށަހަޅާ ގޮތަށް ކުރިއަށްދާން ބެންފީކާ އިން އެއްބަސްވާނަމަ އެ ގޮތަކަށް ބަދަލު ގެންނާނެ ކަމަށް ޔުއެފާގެ އޮފިޝަލަކު ވަނީ މީޑިއާގައި ބުނެފަ އެވެ. މިކަމަށް ގޮތެއް ނިންމެން އޮތީ އާސެނަލުން އިނގިރޭސި ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކުގައި ނިމޭ ގޮތަކުންނެވެ.
މިހާރު އޮތްގޮތުން އާސެނަލުން ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ބެންފިކާއާ ދެކޮޅަށް ޕޯޗުގަލްގައި ކުޅޭ މެޗު އޮންނާނީ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. އޭގެ ހަތް ދުވަސް ފަހުން އާސެނަލް ދަނޑުގައި ދެ ވަނަ ލެގު ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އާސެނަލުން މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.