މެލޭޝިއާގައި ރެކޯޑް އަދަދުން ކޭސްތައް އިތުރުވަނީ
މެލޭޝިއާގައި ރެކޯޑް އަދަދުން ކޭސްތައް އިތުރުވަނީ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 30) - މެލޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ އިއްޔެ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 5،725 މީހުންނަށް ބަލިޖެހި 16 މީހުން މަރުވެފަ އެވެ.

މިއީ މެލޭޝިއާގައި އެއް ދުވަސްތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 5،000 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ސެލަންގޯ އިން ވަނީ 3،126 މީހުންނަށް ބަލިޖެހިފަ އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ނޫރް ހިޝާން އަބްދުﷲ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 3،423 މީހުން ބަލި ރަނގަޅުވެފައި ކަމަށެވެ. އެހެންވެ ހޮސްޕިޓަލުން ދޫކޮށްލި މީހުންގެ އަދަދު ވަނީ 157،722 އަށް އަރައިފަ އެވެ. މެލޭޝިއާ އިން މިހާތަނަށް 203,933 މީހުން ޕޮޒިޓިވްވެފައިވާ އިރު އެކްޓިވް ކޭސްގެ އަދަދަކީ 45,478 އެވެ. އައިސީޔޫގައި ދަނީ 301 މީހަކަށް ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން މެލޭޝިއާ އިން މިހާތަނަށް މަރުވެފައި ވަނީ 733 މީހުންނެވެ.

ދެ ވަނަ އަށް އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ވެރިރަށް ކުއާލަ ލަމްޕޫރުންނެވެ.

މެލޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ އެ ގައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ބޮޑުވަޒީރު ވިދާޅުވީ ކުއްލި ހާލަތު އިއުލާންކުރުމަކީ، ވައިރަސް ފެތުރޭ މިންވަރު އިތުރުވެ ސަރުކާރުގެ ހޮސްޕިޓަލްތައް ފުރޭތީ، ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ކޮންޓްރޯލް ހޯދުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

މެލޭޝިއާގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެން މިދިޔަ އަހަރު ވަނީ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ސަބާ ސްޓޭޓުގައި މިދިޔަ އަހަރު ބޭއްވި އިންތިޚާބަށް ފަހު ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ.