އޭޑީކޭގެ އޯޕީޑީ އާއި އެޑްމިޓްކުރުން މެދުކަނޑާލައިފި
އޭޑީކޭގެ އޯޕީޑީ އާއި އެޑްމިޓްކުރުން މެދުކަނޑާލައިފި

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމާއި އޭޑީކޭ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީނުގައި ތިބެން ޖެހުމުން، އޯޕީޑީގެ ހިދުމަތާއި ބަލިމީހުން އެޑްމިޓްކުރުން ވެސް މެދުކަނޑާލައިފި އެވެ.

އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި އެޑްމިޓްކޮށްގެން ފަރުވާދިން ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ބަންދުކޮށް، އެތަނަށް ހާއްސަ ހުރިހާ މުވައްޒަފުން ވަނީ ކަރަންޓީނުކޮށްފަ އެވެ. އެހެންވެ، މުވައްޒަފުންގެ ދަތިކަން ވެސް ފޯރާފައި އޮތް ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މަދުކުރަން ޖެހުމާ އެކު ބަލިމީހުން އެޑްމިޓް ކުރުމާއި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ވެސް މެދުކަނޑާލާފައިވާ ކަމަށެވެ.

ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް ދެން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށް ވެސް، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭގެ ނޫސްބަޔާނުގައި ބުނި ގޮތުގައި އިލެކްޓިވް ސާޖަރީތައް ވެސް މިވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު އިމަޖެންސީ ހިދުމަތްތަކާއި، އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭން ޖެހޭ ހިދުމަތްތަކާއި ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށް ދާނެ އެވެ.

އޭޑީކޭގެ އެޗުޑީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ، ހޮސްޕިޓަލުން ބުނި ގޮތުގައި، ފަރުވާއަށް ފަހު ގެޔަށް ދިޔަ ފަހުންނެވެ. އެކަމަކު އެ މީހުން ޕޮޒިޓިވްވުމުން އެޗުޑީޔޫގެ ހުރިހާ މުވައްޒަފުން ޓެސްޓްކުރި އެވެ. އެއިން އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށް، އޭޑީކޭ އިން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ބައްޔަށް ޕޮޒިޓިވް ޑޮކްޓަރާއި އެޗުޑީޔޫގެ ކޭސްތަކާ ގުޅުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ޑޮކްޓަރުގެ އާއިލާގައި ކޮވިޑް ޖެހުނު މީހުން ތިބި ކަމަށް، އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭއިން އެދެނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށާއި އެފަދަ ހާލަތެއްގައި ވެސް އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކު ގެންދިޔުމަށެވެ. އަދި މާސްކް އެޅުމަށް ވެސް ހަނދާންކޮށްދިނެވެ.

ކޮވިޑް ކޮންޓްރޯލްވުމަށް ފަހު، މިހާރު އަނެއްކާވެސް ދަނީ، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހާއްސަކޮށް މާލޭން ބަލި ޖެހޭ މީހުން މިހާރު ވަރަށް ގިނަ އެވެ. އެހެންވެ، އެޗްޕީއޭއިން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.