30 ޖެނުއަރީ 2021 - 13:02

ރަށުގައި ކޮވިޑް ފެތުރެން ފެށި ގޮތް ނޭނގޭ މ. ކޮޅުފުށިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ، ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮޅުފުށިން ނެގި ރެންޑަމް ސާމްޕަލްތަކަކުން ނުވަ މީހަކު ޕޮޒިޓިވްވުމާ އެކު އެ ރަށް އޮތީ، މިދިއަ އާދިއްތަދުވަހުން ފެށިގެން މޮނިޓަރިންގަ އެވެ.
ގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން ވިދާޅުވީ ޑޮކްޓަރަށް ދައްކަން އެ މީހުން ދިޔައީ ރަށް މޮނިޓަރަށް ލީކަން އެޗުޕީއޭ އިން އިއުލާންކުރުމުގެ ކުރިން މިދިއަ އާދިއްތަދުވަހު އެވެ. އަދި ތިން މީހުން ޕޮޒިޓިވްވިކަން އެނގުނީ ގަމުން އެނބުރި ކޮޅުފުއްޓަށް ދިޔަ ފަހުން ކަމަށް ވެސް، ޝާހީން ވިދާޅުވި އެވެ.
ގަމުގައި އެ މީހުން ހަތަރު ދުވަސް ހޭދަކުރި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން ގަމަށް އައި އިރު ވެސް އެ މީހުންނަށް ވަނީ ބަލިޖެހިފައި،" ޝާހީން ވިދާޅުވި އެވެ.
އެ މީހުންގެ ފަރާތުން ގަމުގެ ބަޔަކަށް ބަލި އެރުމުގެ ފުރުސަތު އޮތުމުން، އެ މީހުން ތިބި ގޭގެ މީހުންގެ ސާމްޕަލް މިހާރު ވަނީ ނަގައިފަ އެވެ. އޭގެ ނަތީޖާ މިއަދު ލިބޭނެ އެވެ. އަދި އިތުރު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށް ވެސް ގަމު ކައުންސިލުން ބުންޏެވެ.
މާލެ އާއި ބައެއް ރިސޯޓުތަކުގެ އިތުރުން، ކޮވިޑްގެ ބަލި މީހުން މިހާރު އެންމެ ގިނައީ ގއ. ދެއްވަދު އާއި ކޮޅުފުށީގަ އެވެ. ދެއްވަދޫ ކްލަސްޓާ މިހާރު ވަނީ 90 މީހުންނަށް ވުރެ މަތިވެފަ އެވެ. އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގަ އެވެ.