30 ޖެނުއަރީ 2021 - 12:49

ބްރެސަލްސް (ޖެނުއަރީ 30) - ކޮރޯނާވައިރަހާ ދެކޮޅަށް އޮކްސްފޯޑް-އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ވެކްސިން ބޮޑެތި މީހުންނަށް ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފި އެވެ.
ޔޫރަޕިއަން މެޑިސިންސް އެޖެންސީން ބުނީ ނަތީޖާތައް ކަނޑައެޅި ޓްރަޔަލްތަކުން އެ ވެކްސިން 60 ޕަސެންޓް ކާމިޔާބު ކަމަށް ދައްކާފައިވާ ކަމަށެވެ.
އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދިން އިރު ސަޕްލައިގެ މައްސަލައިގައި އެ ކުންފުންޏާއި އީޔޫއާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފަ އެވެ. ދެ ފަރާތުގެ މަޝްވަރާތަކުން ހައްލެއް ނުފެނުމުން ޔޫރަޕިއަން ކޮމިޝަނުން އެންމެ ފަހުން ވަނީ އެއްބަސްވުން ހާމަކޮށްފަ އެވެ. ޔޫރަޕުން މިދިޔަ އަހަރު ވަނީ އެސްޓްރަޒެނެކާ އިން 400 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވެފަ އެވެ.
އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ ޔޫރަޕަށް ވެކްސިން ސަޕްލައި ކުރުމުގައި ލަސްތަކެއް ދިމާވި ވެކްސިން އުފައްދާ ބައެއް ޕްލާންޓްތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ވެކްސިން އުފެއްދުމަކީ އޮރެންޖް ޖޫހެއް ހަދާލާހައި ފަސޭހަ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީޔޫ އަށް ފުރަތަމަ ކުއާޓާރުގައި ލިބޭނީ އެއްބަސްވި އަދަދުގެ 60 ޕަސެންޓަށް ވުރެ މަދު ވެކްސިނެވެ. އެއީ ގާތްގަނޑަކަށް 50 މިލިއަން ޑޯޒެވެ.
ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިން ވެސް ޔޫރަޕަށް ފޮނުވުމުގައި ވަނީ ލަސްތަކެއް ދިމާވެފަ އެވެ.
އީޔޫ އިން ވަނީ ހަތަރު ކުންފުންޏަކުން 2.3 ބިލިއަން ޑޯޒުގެ ވެކްސިނަށް އޯޑަރުދީފަ އެވެ. އޭގެ ތެރޭން ފައިޒާގެ 600 މިލިއަން ޑޯޒާއި މޮޑާނާގެ 160 މިލިއަން ޑޯޒް ކުރިން ވަނީ އެޕްރޫވްކޮށްފަ އެވެ.