30 ޖެނުއަރީ 2021 - 12:01

އޭޑީކޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެގެން، ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާ ހަމައަށް ފެތުރުނު ކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.
ވާހަކަ ދެކެވޭ ގޮތުން، ބަލި ޖެހިފައިވާ ޑޮކްޓަރު ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ދެއްވުމުގެ ސަބަބުން ބައެއް ބަލި މީހުންގެ އިތުރުން އޭނާ ދިރިއުޅުއްވާ ފްލެޓް ހުންނަ އިމާރާތުގެ ބައެއް މީހުންނަށް ވެސް ކޮވިޑް ވަނީ ޖެހިފަ އެވެ. އަދި އޭގެ ސަބަބުން ބޮޑު ކްލަސްޓާއެއް އުފެދިފައިވާ ކަމަށް ވެސް، ބައެއް މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އެ ވާހަކަ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ޑޮކްޓަރުގެ ގައިން ބަލީގެ އަލާމާތްތައް ފެނުމާ އެކު، ގޭގައި ބެހެއްޓެވީ ކަމަށެވެ. އަދި ޑޮކްޓަރުގެ އާއިލާގައި ކުރިން ބަލި ޖެހުނު މީހުން ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި އެޑްމިޓްކޮށްގެން ފަރުވާދިން ތިން މީހަކު ވެސް ކޮވިޑަށް މި ފަހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނަށް ބަލި ޖެހުނުކަން އެނގުނީ ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ. އެކަމަކު އެ ކޭސްތައް ފެނުމުން އެޗުޑީޔޫ ބަންދުކުރި އެވެ.
އަފްއާލް ވިދާޅުވީ އެ މީހުން ޕޮޒިޓިވްވުމުން، އެޗްޑީޔޫ ބަންދުކޮށް އެތަނުގެ ހުރިހާ މުވައްޒަފުންގެ ޓެސްޓު ހެއްދި ކަމަށެވެ. އަދި އެންމެން ވެސް ނެގެޓިވް ކަމަށާއި އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުން މިހާރު ތިބީ ކަރަންޓީނުގައި ކަމަށް ވިދާޅުވި އެވެ.
"ޑޮކްޓަރު ބަލިވުމާއި އެޗްޑީޔޫ ބަންދުކުރުމާ އެއްވެސް ގުޅުމެއް ނެތް،" އަފްއާލް ވިދާޅުވި އެވެ.
އޭނާގެ ކަންބޮޑުވުމަކީ، ކޮވިޑްގެ ކޭސްތައް މަދުވުމާ އެކު ދިން ލުއިތަކުގެ ބޭނުން މީހުން މާ އަވަހަށް ކުރަން ފެށުމެވެ. ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި ކޮންމެހެން ޑޮކްޓަރަށް ދައްކަން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ދިޔުމަކީ ރަނގަޅު ކަމެއް ނޫންކަން އޭނާ ހަނދާންކޮށްދެއްވި އެވެ. އަދި ބަލިމަޑުކަމާ ހެދި ގިނަ މުވައްޒަފުންތަކެއް ކަރަންޓީނުކޮށްފައި ވުމުން، ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބުރޫއަރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމަށް ފަހު، މިހާރު އަނެއްކާވެސް ދަނީ، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހާއްސަކޮށް މާލޭން ބަލި ޖެހޭ މީހުން މިހާރު ވަރަށް ގިނަ އެވެ. އެހެންވ، އެޗްޕީއޭއިން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަން ފަށައިފަ އެވެ.