08 ނޮވެމްބަރ 2016 - 11:26

ސޮނީ ސްޕޯޓްސް "ރަން ފޯ ޗެރިޓީ" ހަރަކާތުން ތެލެސީމިއާ ސޮސައިޓީ އަށް އެހީވުމަށް މިހާތަނަށް ލައްކައެއްހާ ރުފިޔާ ހޯދައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ފެށި މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އެކުވެނި ޓްރެކް ވަށައި ޖަހާ ކޮންމެ ބުރަކަށް ސޮނީ ސްޕޯޓްސް އިން ތެލެސީމިއާ ސޮސައިޓީ އަށް ފަސް ރުފިޔާ ހަދިޔާކުރެ އެވެ. މީގެ އިތުރުން އެތަނުގައި ބަހައްޓާފައިވާ ބެކްޑްރޮޕް އަރާ ގޮތަށް ފޮޓޯ ނެގުމަށް ފަހު ފޭސްބުކަށް އަޕްލޯޑްކުރުމުން ވެސް ފަސް ރުފިޔާ ހަދިޔާކުރެ އެވެ.
"މިހާތަނަށް 94،000 ރުފިޔާ އަޅުގަނޑުމެންނަށް އެއްކުރެވިއްޖެ. އަހަރަކަށް ވުރެ އަހަރެއް ލިބޭ ތަރުހީބު ބޮޑުވަމުން އަންނަނީ،" މީގެ ތިން އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތާ ބެހޭގޮތުން ސޮނީ ސްޕޯޓްސްގެ އޮފިޝަލަކު ބުންޏެވެ.
މިހާތަނަށް 1000 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ޖުމްލަ 12،000 އަށް ވުރެ ގިނަ ބުރު ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި އާއްމުންގެ އިތުރުން މަޝްހޫރު ދުވުންތެރިންނާއި ކުންފުނިތަކާއި އޮފީސްތަކުގެ މުއައްޒަފުން ހިމެނެ އެވެ.
ފެޑޯ އާއި ސޮނީ ހާޑްވެއާ އާއި ހަސަން މެރިން އިންޖިނިއަރިން އާއި ކޮކާކޯލާ އާއި އުރީދޫ މޯލްޑިވްސް އަދި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ މި އިވެންްޓް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ދުވުން އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށެވެ.