30 ޖެނުއަރީ 2021 - 10:07

ކޮވިޑް-19އާ ހެދި މާލީ ގޮތުން ގެއްލުން ނުވާ އެއްވެސް ދާއިރާއެއް ނެތެވެ. މަޝްހޫރު ފުޓްބޯޅަ ކްލަބްތަކަށް ވެސް މާލީ ތާށިކަން ވަނީ ކުރިމަތިވެފަ އެވެ. މި ވަގުތު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސްޕެއިނުގެ ގަދަބާރުތައް ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ދަރަނި އިންތިހާ އަށް މަތިވުމުން، އެކަމަށެވެ.

ފާއިތުވި ހަފްތާގައި ސްޕެއިނުގެ ކްލަބްތަކުގެ މާލީ ތަފާސްހިސާބުތައް އާންމުކުރިއިރު، ބާސެލޯނާގެ ޖުމްލަ ދަރަނީގެ އަދަދަކީ 1.173 ބިލިއަން ޔޫރޯ (1.4 ބިލިއަން ޑޮލަރު) އެވެ. އަދި ރެއާލްގެ ދަރަނީގެ ޖުމްލަ އަދަދަކީ 901 މިލިއަން ޔޫރޯ (1.1 ބިލިއަން ޑޮލަރު) އެވެ. އާންމު އުސޫލުން ބަލާ ނަމަ ގިނަ ފުޓްބޯޅަ ކްލަބްތަކުގެ ޖުމްލަ ދަރަނި އުޅެނީ އެވްރެޖްކޮށް 400-600 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. ބާސެލޯނާ އާއި ރެއާލްގެ މާލީ ހާލަތު ގޯސްވީ ކޮވިޑް-19ގެ އިތުރުން ނުރަނގަޅު ނިންމުންތަކުގެ ސަބަބުންނެވެ.
ރެއާލަށް ވުރެ މި ވަގުތު ގޯސް ފައްތަރެއްގައި އޮތީ ބާސެލޯނާ އެވެ. އެއީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ދަރަނި ގިނަކަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ދޮޅު އަހަރުތެރޭގައި ބާސެލޯނާ އިން ދައްކަން ޖެހޭ ލޯންތަކާއި އެ ނޫން ވެސް ފައިސާގެ އަދަދު 700 މިލިއަން ޑޮލަރަށް އަރަ އެވެ.
ބާސެލޯނާ އިން މިހާރު އޮތް ހާލަތުން އަރައިގަންނަން ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. ބޮޑު މުސާރައިގައި ތިބި ކުޅުންތެރިންގެ އަދަދު މަދުކުރުމުގެ މަސައްކަތް އޮތީ މި ސީޒަން ފެށުމުގެ ކުރިން ފަށައިފަ އެވެ. އެގޮތުން ލުއިސް ސުއަރޭޒް އާއި އިވާން ރަކިޓިޗް އަދި އާޓޫރޯ ވިޑާލް އަގުހެޔޮކޮށް ދޫކޮށްލި އެވެ. އެ އުސޫލުން ބަލާ ނަމަ މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ކްލަބްގައި މަޑުކުރަން ޖެހޭނީ މިހާރު ލިބޭ މުސާރައަށް ވުރެ ނިސްބަތުން ކުޑަ އަގަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މެސީ މި ވަގުތު ބާސެލޯނާގައި ހުރީ އަހަރަކު 35 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އެކަމަކު އެ މުސާރައިގައި މެސީ އެ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު ކުޑަ އެވެ.
ބާސެލޯނާ މި ހާލަތަށް ވެއްޓުނު އެންމެ ބޮޑު ސަބަބަކީ ކުރިން އެ ކްލަބްގެ ރައީސަކަށް ހުރި ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕްގެ ނުރަނގަޅު ނިންމުންތަކެވެ. އިންޓްރަސްޓަށް ބެލުމެއް ނެތި އެކި ބޭންކްތަކުން ނަގާފައިވާ ލޯންތަކާއި ކްލަބްގެ ބޮންޑްތައް ނުއަގުގައި ކުޅިވަރާ ނުގުޅޭ ކުންފުނިތަކަށް ވިއްކައިގެން ބާޓޮމެއުގެ ލީޑަޝިޕުން ވަނީ އަގުބޮޑުކޮށް ކުޅުންތެރިންތަކެއް ގަނެފަ އެވެ.
ފުޓްބޯޅަ ތާރީހުގައި ހިނގި އެންމެ އަގުބޮޑު ހަ ޓްރާންސްފާ ތެރޭގައި ބާޓޮމެއުގެ ދައުރުގައި ބާސެލޯނާ އަށް ގަތް ތިން ކުޅުންތެރިޔަކު ހިމެނެ އެވެ. އެއީ ފިލިއްޕޭ ކުޓީނިއޯ، އޮސްމާން ޑެމްބެލޭ އަދި އެންޓޮއިން ގްރީޒްމަން އެވެ. އެ ތިން ކުޅުންތެރިންގެ ޓްރާންސްފާތަކާ ހެދި ބާސެލޯނާ އިން އަދިވެސް އެކި ކްލަބްތަކަށް 389 މިލިއަން ޑޮލަރު ނުދައްކާ އެބަ އޮތެވެ. ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެ ފައިސާ ދައްކައި ނިންމަން ޖެހެ އެވެ. އެހެން ނޫނީ ޖޫރިމަނާއާ އެކު އެ އަދަދު ބޮޑުވުމުގެ ބިރު ކުޑައެއް ނޫނެވެ.
ދުނިޔޭގެ ނަން މަޝްހޫރު އެހެން ބައެއް ކްލަބްތައް ހިންގަނީ އިންވެސްޓަރުންނަށް ނުވަތަ މަހުޖަނުންނަށް ކްލަބްގެ ހިއްސާގެ ޕަސެންޓެއް ވިއްކައިގެންނެވެ. އެކަމަކު ބާސެލޯނާ އާއި ރެއާލް ހިންގަނީ ކްލަބްގެ އާންމު މެމްބަރުން އަތުގައި ކޮންޓްރޯލް އޮވެގެންނެވެ. ވިޔަފާރި އުސޫލުން ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކްލަބްތައް ހިންގުމާ ސްޕެއިނުގެ ފުޓްބޯޅަ ސަގާފަތް ބީރައްޓެސެވެ. ބާސެލޯނާ އާއި ރެއާލުން އެ ދެ ކްލަބްގެ ދިގު ތާރީހުގައި ވެސް އާންމު މެމްބަރުންނަށް ނުވަތަ ސަޕޯޓަރުންނަށް ކޮންޓްރޯލް އޮންނަ ގޮތަށް ކްލަބް ހިންގުމުގެ ފައިދާ ފެނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހޭތީ އާއި ސްޕޮންސަރުން މެދުވެރިކޮށް ފައިސާ ލިބުން މަދުވެފައިވާތީ ރެއާލާއި ބާސެލޯނާގެ ދަރަނި މިހާރު މި އޮތީ ހީނުކުރާހާ މައްޗަށް ގޮސްފަ އެވެ. ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި ބާސެލޯނާ އިން މާޗް ހަތް ވަނަ ދުވަހު ބާއްވާ އެ ކްލަބްގެ ރައީސަކު ހޮވާ އިންތިހާބަށް ފަހު ކްލަބް ހަމަ މަގަށް އަޅުވަން ނުވަތަ އެ ކްލަބް މާލީ ގޮތުން ބާރުވެރިކުރަން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ކްލަބްގެ މާލީ ހާލަތު ރަނގަޅު ނުކުރެވިއްޖެ ނަމަ ބާސެލޯނާ ހިންގާ އުސޫލަށް ބަދަލެއް ގެނެސް އިންވެސްޓަރަކަށް ކްލަބްގެ ހިއްސާ ވިއްކާލަން ޖެހުން ދުރެއް ނޫނެވެ. އޭގެ ބިރު ކްލަބްގެ އާންމު މެމްބަރުންގެ މެދުގައި ވެސް އެބަ އޮތެވެ.
ރެއާލްގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެ ޓީމުގެ ދަނޑު ސަންތިއާގޯ ބާނަބެއުގެ ޑިވެލޮޕްމަންޓަށް ނަގާފައިވާ ލޯންތަކެވެ. ބާސެލޯނާއާ އަޅާބަލާއިރު ރެއާލަށް އޮތް ހިތްހަމަޖެހުމަކީ ކުރު މުއްދަތެއްގެ ތެރޭގައި އަދާކުރަން ޖެހޭ ދަރަނީގެ އަދަދު ނިސްބަތުން ކުޑަވުމެވެ. ރެއާލުން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 278 މިލިއަން ޑޮލަރުގަ އެވެ. ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެވެން ފެށިހާ އަަވަހަކަށް އެ ޓީމުގެ ދަރަނީގެ އަދަދު ބޮޑު ތަނުން ކުޑަކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރެއާލްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
މާލީ ގޮތުން ހުރި ގޮންޖެހުންތަކަށް ބަލައި، ރެއާލުން މި ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓްގައި ހޭދައެއް ނުކުރެ އެވެ. އަނެއްކޮޅުން ރެއާލްގެ ސްޓޭޑިއަމްގެ މަސައްކަތް ނިންމަން ބޮޑު ލޯނެއް ނެގިއިރު އަނބުރާ ދައްކަން ލިބޭ މުއްދަތު ކުރުކުރަން ނިންމުނީ ވިސްނާނުލެވި ކަމަށް ރެއާލްގެ ބައެއް ބޯޑު މެމްބަރުން އެއްބަސްވެ އެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެއާލުން ޓްރާންސްފާ ބާޒާރުގައި ހަރަކާތްތެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރެއާލުން އެންމެ ބޮޑަށް ގެންނަން މަަސައްކަތްކުރާނީ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެއް ފަހަރާ ބޮޑު އަދަދެއް ދޭން ޖެހޭ ގޮތަށް 100 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑުކޮށް އެމްބާޕޭ ވިއްކާލަން ޕީއެސްޖީން ކިޔާ ނަމަ ރެއާލަށް އެ ޑީލްގައި ބައިވެރިވެވޭނެ ގޮތެއް ނެތެވެ. ރެއާލުން ބޭނުންވަނީ ދެ އަހަރެއްހާ ދުވަހުގެ ތެރޭ ފުލް ޕޭމަންޓް ދޭ ގޮތަށް އެމްބާޕޭގެ ސޮއި ހޯދާށެވެ. ދެން އެމްބާޕޭ ހޯދުމުގެ ރޭހުގައި ރެއާލަށް ކުރި ލިބޭނީ އެ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލައިގެން އެއްކުރެވޭ ފައިސާ އަށް ބެލުމަށް ފަހު އެވެ.
ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ މީޑިއާ އިން ބާސެލޯނާ އާއި ރެއާލްގެ މާލީ ހާލަތުގެ ވާހަކަ ގެނެސްދޭ ގޮތަށް ވުރެ އެ ދެ ޓީމުގެ ހާލަތު ވެސް ޖުމްލަކޮށް ރަނގަޅު ކަމަށެވެ. އެކަމަކު މީގެ ވިސްނަން ޖެހޭ ކަމަކީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވޭހާ ތަނަށް ރަނގަޅު ޕްލޭންތަކެއް ހެދިގެން އާމްދަނީ ހޯދޭނެ އިތުރު ގޮތްތަަކަކަށް ފޯކަސްކޮށް މަސައްކަތްކުރުން ކަމަށް ވިދާޅުވި އެވެ.
"ބާސެލޯނާ އާއި ރެއާލްގެ ދަރަނިތައް އެހާ ބޮޑުވެގެން އުޅެނީ އެ ދެ ކްލަބް ވަރަށް ބޮޑަށް އާމްދަނީ ހޯދުމުގައި ބަރޯސާވެފައި މި އޮންނަނީ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ އާއި ޓުއަރިސްޓުންގެ މިއުޒިއަމް ޓުއާއާ މި ކަހަަލަ ކަންކަމަށް. އެކަން އެއްގޮތަކަށް ވެސް ހާސިލްނުވެ މިހާރު އެއް އަހަރު ވެއްޖެ. އެއީ ފައިނޭންޝިއަލް ކްރައިސިސް އަކަށް އެ ދެ ކްލަބް ދިޔަ އެންމެ ބޮޑު އެއް ސަބަބު. އަހަރެންގެ ނަޒަރުގައި ހާލަތު އެހާ ގޯހެއް ނޫން. މީގެ ރިކަވާކުރެވޭނެ ޕްލޭނެއް އޮތިއްޔާ އެ ދެ ކްލަބަށް އަރައިނުގަނެވޭވަރުގެ ކަމެއް ނޫން މިއީ،" ޓެބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާސެލޯނާގެ ހާލަތު ގޯސްވި އެންމެ ބޮޑު ސަބަބަކީ ވިސްނާލުމެއްނެތި އަވަސްއަރުވާލައިގެން ގިނަ ކަންތައްތަކެއް ނިންމުމުގެ އިތުރުން ބޮޑެތި ކަންކަމުގައި ލަލީގާ އިން ދޭ ލަފާގެ އަޑު ވެސް ނޭހުން ކަމަށެވެ. ބާސެލޯނާ އެ ހާލަތަށް ހިނގައިދާނެ ކަމަށް ކުރިން ވެސް ބެއްލެވުނު ކަމަށާއި އެއީ ކޮވިޑް-19 އައުމުގެ މާ ކުރިން ކަމަށް ވެސް ވިދާޅުވި އެވެ.
"ބާސެލޯނާ އަށް ވުރެ ހާލަތު ގޯސް އެތައް ކްލަބެއް ދުނިޔެއިން އެބަ ފެނޭ. ބާސެލޯނާ އަކީ މި ވަގުތަށް ބެލިޔަސް އާމްދަނީ ހޯދޭނެ ގޮތަށް ބައްޓަންވެފައި އޮތް ކްލަބެއް. އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުގައި ވެސް އެ ޓީމަކީ ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ޓީމު. މީގެ މައްސަލައަކަށް މި ވަނީ ދަރަނި ކޮންޓްރޯލް ކުރުމެއް ނެތި ކުޅުންތެރިން ގަނެ އިންވެސްޓްކުރާ މައްސަލަ. އެކަން މަޑުޖައްސާލަން އެބަ ޖެހޭ،" ޓެބާސް ވިދާޅުވި އެވެ.
ދަރަނި ބޮޑުވެގެން މި ފަހަރު ބާސެލޯނާ އާއި ރެއާލަށް މި ލިބުނީ ފިލާވަޅެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި އެއިން އިބްރަތް ހާސިލްކޮށް ބާސެލޯނާ އާއި ރެއާލުން ކުރަން ޖެހޭނެ އެންމެ ބޮޑު އެއް ކަމަކީ ކްލަބަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ކުޅުންތެރިންގެ މުސާރަ އަށް ހަރަދުކުރުމުގެ ނުރަނގަޅު އުސޫލު ދޫކޮށްލުން ކަމަށް ވެސް ޓެބާސް ވިދާޅުވި އެވެ.
ސްޕެއިނުގެ ކްލަބްތަކަށް ލަލީގާ އިން ކަނޑައަޅާފައިވާ ހަރަދުކުރުމުގެ އޮނިގަނޑުގައިވާ ގޮތުން ކްލަބަށް ލިބޭ އާމްދަނީގެ 70 ޕަސެންޓަށް ވުރެން އިތުރަށް ކުޅުންތެރިންގެ މުސާރައަށް ހޭދަކުރަން ލީގުން ބޭނުމެއްނުވެ އެވެ. އެންމެ ފަހުން ބާސެލޯނާގެ މުސާރަތައް ކޮންޓްރޯލް ކުރަން ލަލީގާ އިން އެ ޓީމަށް އެންގީ ކްލަބަށް ލިބުނު އާމްދަނީގެ ތެރެއިން 74 ޕަސެންޓް މުސާރަ އަށް ހަރަދުކުރުމުންނެވެ. ރެއާލުން ކްލަބަށް ލިބޭ އާމްދަނީގެ ތެރެއިން ކުޅުންތެރިންގެ މުސާރަ އަށް އާންމު ގޮތެއްގައި ހަރަދުކުރަނީ 65-75 ޕަސެންޓާ ދެމެދުގެ މިންވަރެކެވެ. ލަލީގާ އިން ބޭނުންވަނީ އެ އަދަދު ގިނަވެގެން 60 ޕަސެންޓްގައި ކޮންޓްރޯލްކުރާށެވެ.