ކޮވިޑް ކޭސްތައް މަދެއް ނުވޭ، މިއަދު 118 ގައި!
ކޮވިޑް ކޭސްތައް މަދެއް ނުވޭ، މިއަދު 118 ގައި!

ރާއްޖޭގައި މިއަދު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 118 އަށް އަރައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 50 ގައި ހިފެހެއްޓިފައި އޮތުމަށް ފަހު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޭސްތައް ވަނީ އިތުރުވެފަ އެވެ. ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިރޭ އިރުއޮއްސި 6:00 ހަމަޔަށް 118 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 87 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކު ތެރެއިން 21 މީހުންނަށް ޖެހުނުއިރު 10 ކޭސް ފެނުނީ ރިސޯޓްތަކުންނެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 142 މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. މިހާތަނަށް 15،600 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ބަލި ފެނުނު އިރު، 51 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ކޮވިޑް-19 ގަދައަށް ފެތުރޭތީ މާލޭގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޕާޓީތަކާއި އެއްވުން ބޭއްވުން މަނާކޮށް، ބައެއް ގަޑިތަކުގައި ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.