ކޮވިޑު ޖެހުނު ލަންކާގެ ހެލްތު މިނިސްޓަރަށް އައިސީޔޫގައި ފަރުވާ ދެނީ
ކޮވިޑު ޖެހުނު ލަންކާގެ ހެލްތު މިނިސްޓަރަށް އައިސީޔޫގައި ފަރުވާ ދެނީ

ކޮލަމްބޯ (ޖެނުއަރީ 29) - ކޮވިޑް-19 އަށް ޕޮޒިޓިވްވި ސްރީ ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ އަށް އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލް (އައިޑީއެޗް) ގެ އިންޓެންސިލް ކެއާ ޔުނިޓުގައި ފަރުވާ ދެމުންދާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ކޮވިޑް ޖެހުނު ފަހުން މިނިސްޓަރަށް ފަރުވާ ދެމުން ދިޔައީ ކޮއްގަލާގެ ޓްރީޓްމަންޓް ސެންޓަރެއްގަ އެވެ. އޭގެ ފަހުން ވަނީ ކޮޓެލަވަލަ ޑިފެންސް ޔުނިވާސިޓީ ހޮސްޕިޓަލްގައި އިއްޔެ އެޑްމިޓްކޮށްފަ އެވެ. އަދި އައިޑީއެޗަށް ބަދަލުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

މިނިސްޓަރު ވަންނިއަރައްޗީގެ ފިރިކަލުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިނިސްޓަރު ވަންނިއަރައްޗީ އަށް ކޮވިޑް ޖެހުނު އިރު އެކަމަނާ ވަނީ ލަންކާގައި ސިހުރުހަދާ މީހަކު ކޮރޯނާވައިރަހަށް ތައްޔާރު ކުރި "ޖާދޫގެ ބުއިމެއް" އެންޑޯޒް ކުރައްވައި އެންމެ ފަހުން އެ ބުއިން ވެސް ބައްލަވައިފަ އެވެ. މާމުއި އަޅައިފައިވާ އެ ބުއިން ތައްޔާރު ކުރި މީހާ ބުނެފައި ވަނީ އެ ބޮއެފި މީހަކަށް ދުވަހަކު ވެސް ކޮވިޑް ނުޖެހޭނެ ކަމަށެވެ.

ލަންކާގައި އިއްޔެ ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދޭން ފަށައިފަ އެވެ.

އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާ އިން މިހާތަނަށް ވަނީ 61,980 މީހުން ޕޮޒިޓިވްވެ 297 މީހުން މަރުވެފަ އެވެ. ކޭސްތައް އިތުރުވާން ފެށީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޮކްޓޯބަރު 13 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 3،300 އެވެ.