ބަންދުން ދޫކޮށްލިޔަސް އަދުރޭ އާއި ޝުޖާއުއާ ދެކޮޅަށް ހެކި އެބަހުރި
ބަންދުން ދޫކޮށްލިޔަސް އަދުރޭ އާއި ޝުޖާއުއާ ދެކޮޅަށް ހެކި އެބަހުރި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާ ދެކޮޅަށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމުގެ ހެކި ހުރި ނަމަވެސް ދޫކޮށްލީ، ބަންދުގައި ބަހައްޓަންޖެހޭ ހާލަތަކަށް ނުވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފި އެވެ.

ދަރުބާރުގެ ކުރިމަތީގައި މިިދިޔަ ބުދަދުވަހު މުޒާހަރާ ކުރަނިކޮށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ހައްޔަރުކޮށް ދޫނިދުއަށް ގެންދިޔަ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ.

ޝަރުތުކޮށްފައި ބަންދުން ދޫކޮށްލިއަސް އަބްދުއްރަހީމާއި ޝުޖާއުގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އަމުރުގައި ވެ އެވެ. އެއީ އާންމު ދަތުރުފަތުރުކުރާ މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީ އިށީނދެ ތިބެ އަޑު ގަދަކުރުމާއި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާ ގުޅޭ ގޮތުން ފުލުހުން ކޯޓަށް ހުށަހެޅި ހެއްކެވެ.

މި ދެ ބޭފުޅުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުންޏަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމުގައި ރިއާޔަތް ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ދައްކާފައިނުވާ ކަމަށް މިއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނޫން ކަމަށް، ބަންދުން ދޫކޮށްލި އަމުރުގައި ގާޒީ ސަފްއަތު ހަބީބް ވިދާޅުވެފައިވެ އެވެ.

އެ ދުވަހު މުޒާހަރާކުރީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި އެވެ. އިދިކޮޅު ކޯލިޝަންގައި ތިއްބެވި އިސްބޭފުޅުންނާ އެކު މުޒާހަރާއަށް ނުކުތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކުރުމަށް ކަމަށް ވިދާޅުވެ އެވެ.