29 ޖެނުއަރީ 2021 - 17:45

ބެއިޖިން (ޖެނުއަރީ 29) - ޓައިވާނުން މިނިވަންކަން ހޯދަން މަސައްކަތް ކުރުމުގެ "މާނައަކީ ހަނގުރާމަ" ކަމަށް ބުނެ ޗައިނާ އިން އިންޒާރު ދީފި އެވެ.
ޗައިނާ އިން މި އިންޒާރު ދިންއިރު ޓައިވާނާ ކައިރީގައި ވަނީ އަސްކަރީ ހަރަކާތްތައް ފުޅާކޮށްފަ އެވެ. ޗައިނާ އިން ދެކެނީ ޓައިވާނަކީ އެ ގައުމުން ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގަ އެވެ. ނަމަވެސް ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއްގެ ގޮތުގަ އެވެ.
"ޓައިވާނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް މި ދަންނަވަނީ އަލިފާނާ ކުޅެން އުޅެގެން އަނދާނީ އެ ބައެއްގެ ހަށިތައްކަން. ޓައިވާނުގެ މިނިވަންކަމުގެ މާނައަކީ ހަނގުރާމަ،" ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވޫ ގިއާން އިންޒާރު ދެއްވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓައިވާން ސްޓްރައިޓްސްގައި ދާދި ފަހުން ޗައިނާ އިން އަސްކަރީ ހަރަކާތްތައް ފުޅާކުރަން ޖެހުނީ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ކަށަވަރު ކުރުމަށް ކަމަށެވެ.
ޗައިނާގެ މަދަނީ ހަނގުރާމަ 1949 ވަނަ އަހަރު ނިމުނު ފަހުން ޗައިނާ އާއި ޓައުވާނުގައި އޮންނަނީ ވަކި ދެ ސަރުކާރެކެވެ. ޓައިވާނުގެ ޑިމޮކްރެޓިކް ސަރުކާރާއި ބައެއް ގައުމުތަކާ ދެމެދު ވަނީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްފަ އެވެ. އެކަމަކު ބެއިޖިން އިން ވަނީ ޓައިވާނުގެ ބައިނަލްއަގުވާމީ ހަރަކާތްތައް ލިމިޓް ކުރުމަށް މަސައްކަތް ކޮށްފަ އެވެ.