29 ޖެނުއަރީ 2021 - 17:25

ހަގީގަތެއްގެ ގޮތުގައި ދެކެވޭ ވާހަކަތަކުގެ ދެ މަޞްދަރެއް އޮވެ އެވެ. އެއް މަޞްދަރަކީ އެހެން ފަރާތަކުން އެވާހަކަ ނަގުލު ކުރުމެވެ. އަނެއް މަޞްދަރަކީ އެމީހަކު އަމިއްލައަށް އެކަމެއްގެ ދައުވާ ކުރުމެވެ. މި ދެހާލަތުގައި ވެސް ދެކެވޭ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ޢިލްމީ މަންހަޖުތަކެއް އޮވެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ނަގުލު ކުރާ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަންހަޖު ބިނާވެފައިވަނީ ވަރަށް ގިނަ މުހިންމު ޢިލްމުތަކެއްގެ މައްޗަށެވެ. މީގެ އެއް ޢިލްމަކީ ސަނަދުގެ ޢިލްމެވެ. އެބަހީ ދީނުގެ ނައްޞުތައް ކީރިތި ރަސޫލާ ﷺ އާ ހަމައިން ފެށިގެން ކޮންމެ ޖީލެއްގައި އެ ރިވާވަމުން އައިސްފައިވާ ގޮތުގެ ޢިލްމެވެ. ދެވަނަ ޢިލްމަކީ ރާވީންގެ އަދުލުވެރިކަމާއި އެބޭކަލުންގެ ނަގުލު ކުރުމުގައި ސައްހަކަން ހުރި މިންވަރު ބަލަން ބޭނުންކުރާ ޖަރަޙް އާއި ތަޢުދީލްގެ ޢިލްމެވެ. މި ދެ ޢިލްމުގެ އެހީގައި ނަގުލު ކުރާ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އެވެ. ދެން އޮތީ ދައުވާތަކުގެ ސައްކަހަން ކަށަވަރު ކުރުމުގެ މަންހަޖެވެ. މި ލިޔުމުގައި މި ބަލައިލަނީ މި މަންހަޖަށެވެ.
އިސްލާމީ ޢިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި ދަޢުވާތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާލަތާ ގުޅިގެން މަންހަޖު ބަދަލުވާން ޖެހެ އެވެ. މިގޮތުން ދަޢުވާ ކުރެވޭ ކަމެއްގެ ހަގީގަތް ބިނާ ވެފައިވަނީ މާއްދީ ކަންކަން ތަހުލީލުކޮށް ދިރާސާ ކުރުމުގެ މައްޗަށް ކަމުގައިވާނަމަ އެކަމުގެ ހަގީގަތް ހޯދުމަށް އެންމެ އިތުބާރު ކުރެވޭ މަންހަޖަކީ އެކަންކަން ބަލައި ތަޖުރިބާކޮށް ހިއްސުތަކާއި ބުއްދި ބޭނުންކޮށްގެން އެއަށް ދަލީލު ދެއްކުމެވެ. ޢިލްމީ ގޮތުން މި މަންހަޖަށް ކިޔަނީ އިންޑަކްޓިވް ނުވަތަ އިސްތިޤުރާއީ މަންހަޖެވެ. މި މަންހަޖު ބޭނުން ކުރަން އިސްލާމްދީން ބާރު އަޅަ އެވެ. މިގޮތުން ކައުނުގައި މާތް ﷲ އުފައްދަވާފައިވާ ތަކެއްޗާމެދު ވިސްނައި ފިކުރުކޮށް ކަންކަން ހޯދައި ބެލުމަށް އަންގަވާފައި ވެ އެވެ. މިސާލަކަށް ޖަމަލަށާއި އުޑަށާއި ފަރުބަދަތަކަށާއި ބިމަށް ބަލައި އެތަކެތި އުފެދިފައިވާ ގޮތާއި އެތަކެތީގެ ޠަބީޢަތަށް ވިސްނުމަށް އަލްޣާޝިޔަތު ސޫރަތުގައި ގޮވާލާފައި ވެ އެވެ. މިކަންކަމަކީ މީހަކު ހަމައެކަނި ލޮލުން ބަލައިލައިގެން އޭގެ ހަގީގަތާ ހަމައަށް ވާޞިލު ވެވޭނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއިން ކޮންމެ ކަމަކާ ގުޅޭ ޢިލްމުތައް ދަސްކުރަން ޖެހެ އެވެ. މިސާލަކަށް ބައޮލޮޖީ، އެސްޓްރޮނޮމީ، ޖިއޮލޮޖީ، ޖެއޮގްރަފީ ފަދަ ޢިލްމުތައް އުނގެނެން ޖެހެ އެވެ.
މިކަންކަން މިހެން އޮތް ނަމަވެސް އަދި އިސްލާމް ދީނުގައި އިންސާނާގެ ބުއްދިއަށް މިވަރުގެ ގަދަރެއް ދީފައިވީ ނަމަވެސް އިންސާނާއަށް ކަންކަމުގެ ހަގީގަތާ ހަމައަށް ދިއުން ބިނާވެފައިވަނީ އެކަންކަމާ ބެހޭގޮތުން އިންސާނާގެ ގާބިލިއްޔަތާއި ކުޅަދާނަކަން ހުރި މިންވަރެއްގެ މައްޗަށެވެ. މިގޮތުން ދުނިޔަވީ މާއްދީ ކަންކަމުގެ ތެރެއިންވެސް އިންސާނާ އަށް އެނގެނީ މަދު މިންވަރެކެވެ. ޣައިބުގެ ޢާލަމުގައިވާ ކަންކަން މީގެ ތެރެއަށް އިތުރު ކުރުމުން އިންސާނާއަށް އެނގޭ މިންވަރު އަދި ވަކިން ދަށްވެގެން ދެ އެވެ.
މާއްދީ ދުނިޔެ ފިޔަވައި މި ކައުނުގައި ޣައިބުގެ ޢާލަމެއް ވާކަމީ ބުއްދީގެ ހަމަތަކުން ސާބިތު ކުރެވެން އޮތް ކަމެކެވެ. ޚުދު މާއްދީ ކަންތައްތައް ވެސް ވަކި ހިސާބަކުން ޣައިބަށް ދޫކޮށްލައި އެކަމުގެ ހަގީގަތާ މެދު އެއީ ޠަބީޢަތޭ ނުވަތަ ނޭޗައޭ ކިޔައި ދޫކޮށްލަން ޖެހެ އެވެ. މިދެންނެވި ޣައިބުގެ ޢާލަމުގައިވާ ކަންކަމަށް ނުވަތަ ހިއްސުތަކުން ސީދާކޮށް އެކަންކަން ބަލައި ތަޖުރިބާ ކުރެވެން ނެތް ކަންކަމުގެ ހަގީގަތް ދެނެގަންނާނީ ކިހިނަކުންތޯ އެވެ؟
އިސްލާމް ދީނުގައި ޢަޤީދާތަކާއި އަޅުކަންތަކާއި އެހެނިހެން އުޞޫލުތަކުގެ ތެރޭގައި މާއްދީގޮތުން އެކަންކަމުގެ ހަގީގަތާ ހަމައަށް ވާސިލު ނުވެވޭނެ ވަރަށް މުހިންމު ދައުވާތަކެއް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ކަންކަމަކީ ކީރިތި ޤުރުއާނުގައި ނުވަތަ ރަސޫލާ ﷺ ގެ ސުންނަތުގައި ސާފުކޮށް ބަޔާންވެގެންވާ ނައްޞެއް އައިސްފައިވާ ކަންކަމެވެ. އަނެއް ބައިކަންކަމަށް މިފަދަ ނައްޞެއް އައިސްފައި ނުވެ އެވެ. މީގެ ތެރެއިން ނައްޞެއް އައިސްފައިވާ ކަންކަމުގެ ހަގީގަތަށް ވާސިލުވާނީ، ޚަބަރުތަކުގެ ޞައްޙަކަން ސާބިތު ކުރުމަށް އޮންނަ އިސްލާމީ މަންހަޖު ބޭނުންކޮށްގެންނެވެ. ނައްޞެއް ނެތް ކަންކަމުގައި ތާރީޚީ ދަލީލުތަކުގެ އިތުރަށް އެހެން މަންހަޖަކަށް ބޭނުންވެ އެވެ.
އެ މަންހަޖަކީ ބުއްދީގެ ހަމަތައް ބޭނުންކޮށްގެން ކަމެއް ކަށަވަރު ކުރުމުގެ މަންހަޖެވެ. އެއީ އިލްމީ ގޮތުން ބުނާނަމަ ޑިޑަކްޓިވް ނުވަތަ އިސްތިންބާޠީ މަންހަޖެވެ. މި މަންހަޖު ބިނާވެފައިވަނީ އެއްކަމެއް އަނެއްކަމަކާ ހުންނަ ގުޅުމުގެ ދަލީލުތަކުގެ މައްޗަށެވެ. މި ދަލީލުތައް ލިބެނީ ތަފާތު ހާލަތްތަކާއި ދަނޑިވަޅުތަކުގައި އަބަދުވެސް އެއްކަމެއް އަނެއްކަމަކާ ގުޅިފައިވާކަން ފާހަގަ ކުރެވޭތީ އެވެ. މިސާލަކަށް ހަށިގަނޑު އަނަރޫފަވުމާއި ބައްޔާ ހުރިގުޅުން، ނުވަތަ ރަށެއްގައި މިސްކިތްތައް ހުރުމުން އެރަށުގައި މުސްލިމުން އުޅޭކަމާ ހުރި ގުޅުން، ނުވަތަ އަލިފާން ނިވާ ލޮރީގެ އެމެޖެންސީ އަޑާއި އަލިފާނުގެ ހާދިސާއެއް ހިނގުމާ ހުރި ގުޅުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން އޮބްޒާވް ކުރެވޭ ހިނދު އަބަދުވެސް އެއިން އެއްކަމެއް އަނެއް ކަމަކާ ގުޅުން އޮންނަ ނަމަ ކަށަވަރުކަން ލިބެނީ އެއިން އެއްކަމެއް ވުޖޫދުވެއްޖެ ނަމަ އަނެއް ކަމެއް ވުޖޫދުވާނެ ކަމެވެ.
ނަމަވެސް ހަނދާންކޮށްލަން ޖެހެނީ މިފަދަ ކަންކަން އޮބްޒާވް ކުރެވޭ ހިނދު ދާއިމީ ގޮތެއްގައި އެ ގުޅުން ފެނިފައި ނުވާނަމަ ކަށަވަރު ކުރުމުގެ ބާރު ދަށްވާނެ ކަމެވެ. ބުއްދީގެ މި ދަލީލުގެ އިތުރަށް ޑިޑަކްޓިވް މަންހަޖުގައި ހިމެނޭ އަނެއް ދަލީލަކީ ޤިޔާސް ކުރުމުގެ ދަލީލެވެ. އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤިޔާސް ކުރުން ބިނާވެފައިވަނީ ދެ އުޞޫލެއްގެ މައްޗަށެވެ. ފުރަތަމަ އުޞޫލަކީ ކޮންމެ ކަމަކަށްވެސް ސަބަބެއް ނުވަތަ ޢިއްލަތެއް ވާން ޖެހޭނެ ކަމުގެ އުޞޫލެވެ. ދެވަނަ އުޞޫލަކީ ކައުނުގެ އެކިއެކި ނިޒާމްތަކުގައި ފުރިހަމަކަން އެކުލެވިފައިވާ ކަން ގަބޫލު ކުރުމުގެ އުޞޫލެވެ. މި ދެ އުޞޫލުގެ މައްޗަށް ބިނާކޮށް ދަލީލު ހޯދުމުގައި ވެސް ކަންހިނގާގޮތް ބަލައި އޮބްޒާވް ކުރުން އެކުލެވިފައިވާނެ އެވެ. މިސާލަކަށް ހަނަފަސް ސަހަރާއެއްގެ ތެރޭގައި ވިއަސް މީހުން ދިރިއުޅޭ ފޭލިގެތަކެއް ނުވަތަ ޖިފުޓިތަކެއް ފެނިއްޖެ ނަމަ އެތަނުގައި ފެން ހުންނާނެކަން ގިޔާސް ކުރުމުން އެނގި ކަށަވަރުވާނެ އެވެ. ސަބަބަކީ މީހުން އުޅޭ ކޮންމެ ތަނެއްގައި ވިއްޔާ އެ މީހުންނަށް ފެނާ ނުލައި ނޫޅެވޭނެ ކަން ކުރިންވެސް ކަށަވަރު ކަމާއެކު އެނގޭތީ އެވެ.
މި ފާހަގަކުރި ކަންކަމުން އެނގިގެން ދަނީ، ހަގީގަތެއްގެ ގޮތުގައި ދައުވާއެއް ކުރާނަމަ އެ ދައުވާގެ ސައްހަކަން ކަށަވަރު ކުރުމަށް އޮންނަ އިސްލާމީ މަންހަޖަކީ، އެކަމަކީ މާއްދީ ކަމެއް ނަމަ ތަޖުރިބާގެ ތެރެއިން އެކަމުގެ ދަލީލު ދައްކައިދިނުމެވެ. މާއްދީ ކަމެއް ނޫން ނަމަ އެކަން ކަށަވަރު ކުރުމުގެ އެއްގޮތަކީ ޞައްޙަ ޚަބަރުތައް ކަށަވަރު ކުރުމުގެ އިސްލާމީ މަންހަޖެވެ. ޞައްޙަ ޚަބަރެއް އައިސްފައި ނުވާނަމަ ބުއްދީގެ ހަމަތަކުގެ މަތިން ދަލީލު ދެއްކުމެވެ. އެއީ ކަންކަމުގައި ހުންނަ ގުޅުންތަކުގެ ދަލީލުން ކަމަށް ވިއަސް ނުވަތަ ޤިޔާސް ކުރުމުގެ ތެރެއިން ކަމަށްވިއަސް މެ އެވެ. މިއީ އިސްލާމީ ޢިލްމުވެރިން ކަންކަމުގެ ހަގީގަތް ދިރާސާ ކުރުމުގައި އެކިއެކި ދައުވާތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ގެންގުޅުއްވާ ހަރުދަނާ މަތިވެރި މަންހަޖެވެ.