ކޮރޯނާވައިރަސް ހަށިގަނޑަށް ހަދާލާ ގޮތް ބިރުވެރި
ކޮރޯނާވައިރަސް ހަށިގަނޑަށް ހަދާލާ ގޮތް ބިރުވެރި

މިސާލަކަށް ތިމާގެ ދިފާއުގައި ދީފައި އޮންނަ ބަޑިއެއް، އަމިއްލަ ހަށިގަނޑަށް އަމާޒުކޮށްފައި ޖެހުން، ކިހާ ބިރުވެރި ހެއްޔެވެ؟ ބައެއް މީހުންނަށް ކޮރޯނާވައިރަސް ހަދާލަނީ އެހެންނެވެ. ގުދުރަތީ ގޮތުން ހަށިގަނޑުގެ ދިފާއުގައި އުފެދޭ އެންޓިބޮޑީސް ބަދަލުކޮށްލަނީ، ހަށިގަނޑަށް ހަމަލާދޭ އެއްޗަކަށެވެ.

ކޮރޯނާވައިރަސް ހަށިގަނޑަށް ހަދާލާ ގޮތް ބިރުވެރި
ކޮރޯނާވައިރަސް ހަށިގަނޑަށް ހަދާލާ ގޮތް ބިރުވެރި

ގިނަ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތި ސަލާމަތްވެވުނަސް، ކޮވިޑް-19 ޖެހުނު ބައެއް މީހުން އުޅެމުން ދަނީ ވޭނެއްގައި ކަމަށް އާ ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. އެހެންކަމުން މިއީ، އެއާ ދެކޮޅަށް ކާމިޔާބު އެތައް ވެކްސިނެއް އީޖާދުކޮށް، ބޭނުންކުރަން ފަށާފައިވިޔަސް، އިންސާނުންގެ ތެރެއަށް ފޭދުނު ވައިރަސްގެ ބިރުވެރިކަން އެހާ އަވަހަށް ނެތިގެން ނުދާނެ ހެއްކެކެވެ.

މިހާރު ވެސް ކޮރޯނާވައިރަސް އަކީ، މިދިއަ ގަރުނުގައި ވެސް އިންސާނުންނާ ކުރިމަތިނުވާ ވަރުގެ ނުރައްކާތެރި ވައިރަސްއެކެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމަށް ރޭކާލިޔަނުދީ، ހަށިގަނޑު ތެރޭގައި އުޅެ އެވެ. ދިފާއީ ސެލްތަކަށް އޮޅުވާލަ އެވެ. އަލަށް ހެދި ދިރާސާތަކުން ދައްކަނީ ކޮވިޑް ބައްޔާ އެކު ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް، އެ ވައިރަސްއަށް ހަމަލާދިނުމުގެ ބަދަލުގައި ބަލިމީހާގެ އެކި ގުނަވަންތަކާ ދެކޮޅަށް ހަރަކާތްތެރިވާ ކަމެވެ.

ބަލިން ރަނގަޅުވި ބައެއް މީހުންގެ ހަނދާންތައް ބަލިކަށިވެ އެވެ. ހުޅުތަކުގައި ރިއްސަ އެވެ. ލޭގަނޑުކޮށްލަ އެވެ. އަދި "ސިކުނޑި ފުސްކޮށްލުން" ކަމަށް ބެލެވޭ ހާލަތެއް ވެސް ދިމާވެ އެވެ.

އަމިއްލަ ހަށިގަނޑަށް ހަމަލާ ދޭ އެންޓިބޮޑީސްއަކީ އާ އެއްޗެއް ނޫނެވެ. "މަގުން ކައްސާލައިފައިވާ ހަނގުރާމަވެރިން"ގެ ގޮތުގައި ބައެއް ސައިންސްވެރިން ސިފަކުރާ މި އެންޓިބޮޑީސްގެ ސަބަބުން، ބައެއް ވައްތަރުގެ ރާއްޖެބަލި ވެސް ޖައްސަ އެވެ.

އާ ދިރާސާގައި ބޭނުންކުރީ ވަރަށް މަދު ބައެކެވެ. އެންމެ ނުވަ މީހުންގެ ތެރެއިން ފަސް މީހުންގެ ހަށިގަނޑުގައި ވަނީ ނުބައި އެންޓިބޮޑީސް އުފެދިފަ އެވެ. ދިރާސާއާ މެދު ކަމާ ބެހޭ އެހެން ސައިންސްވެރިންގެ ބަހެއް އަދި ނެތުމުން، ނަތީޖާގެ މައްޗަށް ސީދާ ވަކި ގޮތެއް ނުނިންމަން، އެ ދިރާސާ ހެދި ތަޖުރިބާކާރުން އެދެ އެވެ.

"އެއީ ސިގުނަލެއް، އެކަމަކު ސީދާ ސާފުކޮށް އަދި އެނގޭ ކަމެއް ނޫން،" ނުބައި އެންޓިބޮޑީސް އާއި ކޮވިޑާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން، ދިރާސާގައި އިސްކޮށް އުޅުއްވި ބޮސްޓަން މެޑިކަލް ސެންޓަރުގެ ޑރ. ނާހިދު ބަދެލިއާ ވިދާޅުވި އެވެ.

"އަހަރެމެންނަކަށް އަދި ނޭނގޭ އެއީ ކިހާ އާންމު މައްސަލައެއްކަމެއް. ނުވަތަ ދިގުދެމިގެންދާ ކޮވިޑްއާ ސީދާ ގުޅުމެއް އޮތް ކަމެއް ވެސް."

ދިގުދެމިގެންދާ ކޮވީޑޭ ބުނަނީ، ބަލިން ރަނގަޅުވާތާ އެތައް މަހެއް ވާ އިރު ވެސް ސިއްހީ ތަފާތު އުނދަގޫތަކުގައި އުޅޭއުޅުމަށެވެ. ބައެއް ބަލިމީހުން ރަނގަޅުވިތާ އަށެއްކަ މަސް ވީ އިރު ވެސް، އެކި މައްސަލަތަކުން މިންޖުވެވޭ ވަރެއް ނުވެ އެވެ.

އެކަމަކު ޑރ. ނާހިދު ވިދާޅުވި ގޮތުގައި ކޮވިޑަށް ފަހު އަމިއްލަ ހަށިގަނޑަށް ހަމަލާދޭ އެންޓިބޮޑީސް އުފެދޭ އުފެދުމާ މެދު އޮތް ސުވާލު އެހާމެ މުހިންމުވެފައި ދެނެގަންނަން ކުރަން ޖެހޭ މަސައްކަތް ވެސް އަވަސްކުރަން ޖެހެ އެވެ.

ކޮވިޑް ބަލިން ރަނގަޅު ވިޔަސް ކޮންމެ ތިން މީހަކު އެކެއްގެ ފަރާތުން ބައްޔާ ގުޅުން ހުންނަ އަލާމަތްތައް ފިލައިގެން ނުދާ ކަމަށް، ދިރާސާތަކުން ދައްކަ އެވެ.

ޑރ. ނާހިދު ވިދާޅުވި ގޮތުގައި ދިގުދެމިގެންދާ މައްސަލަތަކުގެ ސަބަބުން ވަޒީފާއަށް އެނބުރި ނުދެވޭ ވަރަށް އުނދަގޫތައް ކުރިމަތިވާ ބަލިމީހުން ކުރިއަށް އޮތް ތަނުގައި ގިނައިން ފެނުން އެކަށީގެންވެ އެވެ. އެހެންކަމުން އެއީ ސިއްހީ ނިޒާމަށް ވެސް އަންނާނެ ލޮޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު އާންމުކުރި ދިރާސާތަކުން ދައްކަނީ އަމިއްލަ ދިފާއީ ނިޒާމު ހަށިގަނޑާ ދެކޮޅަށް މަސައްކަތްކުރުމުގެ އަލާމާތްތައް ހުރި ކޮވިޑް ބަލިމީހުން ގިނަ ކަމެވެ. މިސާލަކަށް އެއް ދިރާސާއެއްގައި ބައިވެރިކުރި 52 ބަލިމީހުންގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި، ހަމަލާދޭ އެންޓިބޮޑީސް އުފެދިފައި ހުއްޓެވެ. ލޭ ގަނޑުވުމާ ދެކޮޅަށް ހަރަކާތްތެރިވާ ޕްރޮޓީންތަކުގެ ބާރު ވެސް، އެ ނުބައި އެންޓިބޮޑީސް އިން ކަނޑުވާލަ އެވެ. އޭގެ ސަބަބުން ބައެއް މީހުންގެ ލޭނާރުތައް ބެދި، ގަނޑު ލޭކޮޅުތައް އުފެދެ އެވެ.

ސައިންސްވެރިން ކަންބޮޑުވަނީ، ކޮރޯނާވައިރަސްއިން އުފެދޭ ނުބައި އެންޓިބޮޑީސްގެ ސަބަބުން "އޮޓޯއިމިއުން" ބައްޔާ ކުރިމަތިވެދާނެތީ އެވެ. އެ ބަލި ޖެހިއްޖެ ނަމަ އަނބުރާ ކުރީގެ ހާލަތަށް ހަށިގަނޑު ގެންދެވޭނެ ގޮތެއް ނޯވެ އެވެ.

"އެ މައްސަލަ ދެން އޮންނާނީ އެ މީހެއްގެ ހަށިގަނޑުގައި ދާއިމީ ބަޔަކަށް ވެފައި،" ޔޭލް ޔުނިވަސިޓީގެ އިމިއުނޮލޮޖިސްޓް އަކީކޯ އިވަސާކީ ވިދާޅުވި އެވެ.

އިވަސާކީގެ ޓީމުން ޑިސެމްބަރު މަހު ވަނީ ނުބައި އެންޓިބޮޑީސްގެ ސަބަބުން ބައެއް ބަލިމީހުން ތަހައްމަލްކުރަން ޖެހުނު އުނދަގޫތައް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ސިކުނޑީގެ ސެލްތަކަށް ހަމަލާދިނުމާއި ލޭގަނޑުވުން ފަދަ ކަންކަން ހިމެނެ އެވެ.

މެލޭރިއާ އާއި ލެޕްރަސީ ކަހަލަ ބައެއް ބަލިތަކުގެ ސަބަބުން ވެސް ބައެއް މީހުންގެ ހަށިގަނޑުގައި ނުބައި އެންޓިބޮޑީސް އުފެދެ އެވެ. އަދި އާބާދީގެ 10 ނޫނީ 15 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ވެސް ނުބައި އެންޓިބޮޑީސް ދައުރުވެ އެވެ. ނަމަވެސް އޭގެ ސަބަބުން ބައްޔަކާ ހަމައަށް ދިއުން އާންމެއް ނޫނެވެ. އެ ހަގީގަތް އެހެން އޮތަސް، ނުބައި އެންޓިބޮޑީސް އާއި ކޮވިޑް އެކުވުމަކީ ހަށިގަނޑަށް ނުކުޅަދާނަވެދާނެ ފަދަ ގަޑުބަޑެއް ކަމަށް، ބައެއް ސައިންސްވެރިން ގަބޫލުކުރެ އެވެ.

މިދިއަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އޭގައި ބައިވެރިކުރި ބަލިމީހުންގެ ތެރެއިން ކޮވިޑްގެ ހާލަތު ސީރިއަސްވި 10 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ކުރިންސުރެ ވެސް ނުބައި އެންޓިބޮޑީސް ހުއްޓެވެ. އޭގެ ނަތީޖާއަކަށް ވީ، ކޮރޯނާވައިރަސް އެރުމާ އެކު އެއަށް އަމާޒުކުރަން ޖެހޭ ހަމަލާ ލަސްވުމެވެ. އެ ހަމަލާ ނުދެވި އުޅެނިކޮށް ވައިރަސް ގިނަވާން ފެށުމުން ދެން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮބިއޮންނަ ވަރަށް ވުރެ ކުރަން ޖެހޭ ހަނގުރާމަ ބޮޑުވެދެ އެވެ.

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ގިނަ މީހުންނަށް ކޮވިޑް ބަލި ޖެހޭތާ ކުރީކޮޅު ނުބައި އެންޓިބޮޑީސް އުފެދުން އެކަށީގެންވެ އެވެ. އެކަމަކު ބަލިން ފަސޭހަވާ ވަރަކަށް އޭގެ ނިސްބަތް ވެސް ނެތެމުން ނެތެމުން ދާނީ އެވެ. އެހެންކަމުން ގިނަ މީހުންނަށް ފަހުން މައްސަލަތަކެއް ދިމައެއް ނުވެ އެވެ.

ހަށިގަނޑުގެ އަމިއްލަ ދިފާއު، ތިމާގެ ދުޝްމަނަކަށް ބަދަލުވުމަކީ، މަދު ބަޔަކަށް ދިމާވިޔަސް، ބިރުވެރި ހަގީގަތެކެވެ. ނަމަވެސް މި މައްސަލާގައި ވަކި ގޮތެއް ނިންމަން އަދިވެސް އިތުރު ދިރާސާތައް ބޭނުންވެ އެވެ. ކޮރޯނާވައިރަސްއަކީ އާ ވައިރަސްއެއް ކަމުން، އެނގެން ޖެހޭ މައުލޫމާތު ވެސް ބައިވަރެވެ. އަދި ކުރިއަށް އޮތް ތަނުގައި އެނގިދާނެ ހަގީގަތްތައް ވެސް އެހާމެ ގިނަވެދާނެ އެވެ.

މިއީ ނިއު ޔޯކް ޓައިމްސްގެ އަޕޫރުވާ މަންޑަވިލީ ލިއުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ. ސައިންސާއި ސިއްހީ ދާއިރާއިން ލިއެގެން އޭނާ ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ.