ތިނަދޫގައި މަސް ގަންނަ ސެންޓަރެއް ހަދަނީ
ތިނަދޫގައި މަސް ގަންނަ ސެންޓަރެއް ހަދަނީ

ގދ. ތިނަދޫގައި މަސް ގަންނަ ސެންޓަރެއް ހަދަން މިފްކޯ އިން ތައްޔާރު ވެއްޖެ އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ތިނަދޫ ކައުންސިލް މެމްބަރުން އަދި މިފްކޯގެ އިސް ބޭފުޅުންނާއި އެ ސަރަހައްދުގެ ބައެއް މަސްވެރިން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި މިފްކޯ އިން ވަނީ މަސް ގަންނަ ސެންޓަރުގެ ކޮންސެޕްޓު ކުރެހުންތައް ދައްކާލައި އެ ސެންޓަރުން ދެވޭނެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި މި ސެންޓަރުގެ ސަބަބުން މަސް ގަނެ ރައްކާ ކުރުމުގައި ހުރި ފަސޭހަތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

މިފްކޯ އިން ބުނިގޮތުގައި ތިނަދޫގައި ގާއިމް ކުރަނީ 1000 ޓަނުގެ މަސް ރައްކާ ކުރެވޭ ފެސިލިޓީއެކެވެ.

އެ ކުންފުނިން ބުނީ މި ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ ރަށު ކައުންސިލުން ދީފައިވާ ކަމަށެވެ. މި މަސައްކަތުގައި މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީއާ އެކު ކައުންސިލްއާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި މަސްވެރިން ބޭނުންވާކަންކަން ފަހިކޮއްދިނުމަށް މިފްކޯ އިން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ދެއްވި އެވެ.