08 ނޮވެމްބަރ 2016 - 11:39

ނިއު ހެމްޝަޔާ (ނޮވެމްބަރު 8) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ފުރަތަމަ ވޯޓުލީ ވަރަށް ކުޑަ ޓައުނެއްގެ އަށް މީހުންގެ ތެރޭން ހަތަރު ވޯޓު ހިލަރީ ކްލިންޓަނަށް ލިބިއްޖެ އެވެ. ޓްރަމްޕަށް ލިބުނީ ދެ ވޯޓެވެ.

އެމެރިކާގައި 1960 ވަނަ އަހަރުން ފެށިގެން ރަމްޒީ ގޮތުން ނަމަވެސް އެންމެ ފުރަތަމަ ވޯޓުލަނީ ނިއު ހެމްޝަޔާގެ ޑިކްސްވިލީ ނޮޗުގައެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ޓައުނުގެައި ތިބީ 12 މީހުންނެވެ.

މި ޓައުނުން ދެން ވޯޓު ދިނީ ލިބަޓޭރިއަން ޕާޓީގެ ގެރީ ޖޯންސަން އަށް އެއް ވޯޓު އަދި އަމިއްލަ އަށް ލިޔެގެން ދިން ވޯޓުގެ ގޮތުގައި މިޓް ރޮމްނީ އަށް އެއް ވޯޓެވެ. ރޮމްނީ ވަނީ 2012 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މި ފަހަރު އެންމެ ފުރަތަމަ ވޯޓުދީފައި ވަނީ ކްލޭ ސްމިތު ކިޔާ މީހެކެވެ.

ދެން ވޯޓުލީ ނިއު ހެމްޝަޔާގެ ހާޓްސް ލޮކޭޝަންގައި ހިލަރީ އަށް ވަނީ 17 ވޯޓު އަދި ޓްރަމްޕަށް 14 ވޯޓު ލިބިފަ އެވެ. ޖޯންސަން އަށް ލިބުނީ ތިން ވޯޓެވެ. ކެނެޑާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ކުޑަ ޓައުނުގެ އާބާދީ ކަމަށް 2010 ވަނަ އަހަރު ދައްކާފައި ވަނީ 41 އެވެ.
ނިއު ހެމްޝަޔާގެ ގާނޫނު ބުނާ ގޮތުން 100 މީހުންނަށް ވުރެ މަދުން އުޅޭ ކޮމިއުނިޓީތަކުގައި ދަންވަރު 12 ޖަހާއިރު ވޯޓުލާން ފަށަން ޖެހެ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލާ ނިމުމާ އެކު ވޯޓު ގުނާ ނަތީޖާ އިއުލާން ކުރަން ޖެހެ އެވެ.
މިއީ ޑިކްވިލީ ނޮޗުން ދަންވަރު ވޯޓުލާ ފަހު އަހަރަށް ވުން އެކަށީގެންވެ އެވެ. މި ޓައުން ވިޔަފާރިވެރިއަކު ގަނެ މިހާރު ވަނީ ސްކައި ރިސޯޓަކަށް ހަދަން ނިންމައިފަ އެވެ. އޭރުން އެ ތަނުގައި އުޅޭ މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވާނެ އެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު 12 ޖެހިއިރު ނިއު ހެމްޝަޔާގެ ކުދި ޓައުންތަކުގައި ވޯޓުލީ ނަމަވެސް އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ވޯޓުލާން ފަށާނީ ނޮވެމްބަރު 8 ވަނަ ދުވަހު ހެނދުނު 6 ޖަހާއިރު (ރާއްޖޭ ގަޑިން ހަވީރު 4 ޖަހާއިރު) އެވެ.