29 ޖެނުއަރީ 2021 - 18:02

އެމެރިކާގައި ހެދި ދިރާސާއަކުން ހާމަވީ ކޮންމެ ހަ ދެމަފިރިންގެ ތެރެއިން އެއް ބަޔަކަށް ދަރިމައިވުމުގެ މައްސަލަތައް ދިމާވާ ކަމެވެ. އެކަމުގައި ރާއްޖޭގެ އަސްލު މަންޒަރު ނޭނގުނަސް ދަރިމައިވުމުގެ މައްސަލަތަކާއި އޭގެ ހިތްދަތިކަން ތަހައްމަލްކުރާ މީހުން މަދެއް ނޫނެވެ. "ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ"ގެ ނަމުގައި އިއްޔެ އުފެއްދި ޖަމިއްޔާގެ ބޭނުމަކީ އެފަދަ މީހުންނަށް ހިތްވަރުދިނުމެވެ.

ޖަމިއްޔާގެ އެއް ފައުންޑަރު އާޝާ ހަސަން ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތަކާ މެދު މިދިއަ އަހަރު ބޭއްވި އެކި ހަރަކާތްތަކުގައި 100 އަށް ވުރެ ގިނަ ދިވެހިން ސޯޝަލް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެހެންވެ ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގައި އަދި ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާ އެކު އެހީތެރިކަން ދޭނެ އެވެ.
އާޝާ ވިދާޅުވީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ އޮތް މިންވަރު ބެލުމަށް މައުލޫމާތު އެއްކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު އަންނަނީ އެކަމަށް ތައްޔާރީތައް ވަމުންނެވެ. އޭގެ އިތުރުން ބޭސްފަރުވާ އަށް ދާން ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ދޭން ފަންޑު ރެއިޒް ހަރަކާތްތަކެއް ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.
"އިންފާޓިލިޓީއަށް ދޭ ބޭހެއް ނުލިބޭ އާސަންދައިން. ކިތައްމެ އާދައިގެ ބޭހަކަށް ވިޔަސް އިންފާޓިލިޓީއަކަށް ނުލިބޭ،" ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ ދެމަފިރިންނަށް، ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ހުރަސްތަކާ ބެހޭ ގޮތުން، އާޝާ ވިދާޅުވި އެވެ.
ދަރިމައިވުމުގެ ފަރުވާ ހޯދަން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހެ އެވެ. އެހެންކަމުން އެފަދަ މީހުންނަށް ވަޒީފާގެ ޔަގީންކަން ހޯދައިދޭން ކުރަން ހުރި މަސައްކަތްތައް ވެސް މަދެއް ނޫނެވެ. އާޝާ ވިދާޅުވީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް، ހަގީގީ މައްސަލަތައް ކިޔައިދިނުމުގެ ބައި ވެސް، ޖަމިއްޔާއިން ކުރިއަށް ގެންދާނެ އެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މެމްބަރަކަށް ވާން އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ. އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގައި ރަޖިސްޓްރީކޮށްގެން ބައިވެރިވެވޭނެ އެވެ.