ހަތަރު ރަށެއްގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ
ހަތަރު ރަށެއްގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާނު ކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން، ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި ށ. ބިލެތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓު ހަދަން ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތަށް އެދި އީއޯއައި ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް އީއޯއައި ހުށަހަޅާއިރު އެއް ފަރާތަކުން އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅޭނެ ކަމަށެވެ. މި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ "ޓާމްސް އޮފް ރިފަރެންސް" (ޓީއޯއާރް) މި މަހުގެ 31 އިން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

މި މަސައްކަތައް ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ލިބޭނެ ކަމަށް ވެސް ފިނޭންސްގެ އިއުލާނުގައި ވަނީ ބުނެފަ އެވެ. ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ކަން ޔަގީންކުރަން ޖެހޭނެ އެވެ.

އެ ޝަރުތުތަކަކީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުން ގުޅާލުމަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކުރީ ސަރުކާރުން ވެސް ވަނީ މި އުސޫލުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި އެއާޕޯޓު އަޅައިފަ އެވެ. އެގޮތުން، މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާ އެކު 14 އެއާޕޯޓެއް ވަނީ ތަރައްގީ ކޮށްފަ އެވެ.

ބައެއް އެއާޕޯޓުތަކުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މާވަރުލު އެއާޕޯޓު ހިމެނެ އެވެ.