ޕީއެސްޖީން ރާމޯސް އަށް މަރުހަބާ ކިޔާނަން: ޕޮޗެޓީނޯ
ޕީއެސްޖީން ރާމޯސް އަށް މަރުހަބާ ކިޔާނަން: ޕޮޗެޓީނޯ

ޕެރިސް (ޖެނުއަރީ 29) - ރެއާލް މެޑްރިޑްގެ މަޝްހޫރު ޑިފެންޑަރު ސާޖިއޯ ރާމޯސް ޕީއެސްޖީ އަށް އަންނަން ބޭނުންނަމަ އެ ކްލަބުން އޭނާ އަށް މަރުހަބާ ކިޔާނެ ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ރާމޯސް، 34، ރެއާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ރެއާލުން ރާމޯސްގެ އެއްބަސްވުން އާ ކުރަން ހުށަހަޅާފައިވަނީ ކުރު މުއްދަތަކަށް ކުރިން ލިބޭ މުސާރަ އަށް ވުރެ މަދުން ލިބޭ ގޮތަށެވެ. އެކަމާ ހިތްހަމަނުޖެހި ރާމޯސް ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ރެއާލް ދޫކޮށްލަން ރާމޯސް ނިންމައިފިނަމަ ދެން ފެނުން އެންމެ ގާތީ ޕީއެސްޖީންނެވެ.

"ތި ދައްކާ ޓްރާންސްފާގެ ވާހަކަތަކަށް ވާގޮތްތައް ކުރިއަށް އޮތް މަސްތަކުގައި ފެންނާނެ. އަހަންނަށް ޔަގީން މި ކްލަބުން ރާމޯސް އަށް މަރުހަބާ ކިޔާނަން. މި ކްލަބަށް ރާމޯސް ބަދަލުވެއްޖެނަމަ އޭނާ އަށް އޮންނާނެ ހިތްހަމަޖެހުމަކީ ޕީއެސްޖީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓީމު. އަނެއްކޮޅުން މި ޓީމު ނުކުންނަ ކޮންމެ މެޗެއްގެ ޓާގެޓަކީ ވެސް މޮޅެއް،" ކުރިން ޓޮޓެންހަމަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ޕީއެސްޖީ އަކީ ޒަމާނުއްސުރެ ނަން މަޝްހޫރު ކުޅުންތެރިން ކުޅެފައިވާ ކްލަބެއް ކަމަށާއި އެ ގޮތުން ކުރިން ރޮނާލްޑީނިއޯ އާއި ޒަލަޓާން އިބްރަހިމޮވިޗް އަދި ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިން އެ ޓީމަށް ކުޅުނުއިރު، މި ވަގުތަށް ބަލާއިރު އެ ޓީމުގައި ނޭމާ އާއ ކީލިއަން އެމްބާޕޭ އެބަހުރިކަމަށެވެ.

މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ޕީއެސްޖީން ނިންމާފައިވަނީ އަހަރަކު 15 މިލިއަން ޑޮލަރު ލިބޭ ގޮތަށް ރާމޯސް އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާށެވެ. ރެއާލުން ބޭނުންވަނީ 10 މިލިއަން ޑޮލަރު ލިބޭ ގޮތަށް އެއް އަހަރަށް ކޮންޓްރެކްޓް އިތުރުކޮށް ދެ ފަރާތުން ބޭނުންނަމަ އަހަރަކުން އަހަރަކުން އެއްބަސްވުން އާ ކުރާގޮތަށް ކޮންޓްރެކްޓްގައި ހިމަނާށެވެ.

ރާމޯސްގެ ސޮއި ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެމެރިކާ ލީގުން ވެސް ރާމޯސް އަށް ބޮޑު މުސާރަ ލިބޭ ގޮތަށް ހުށަހަޅުންތައް ލިބެ އެވެ.