ދެ ބޯ ލީ މިޔަރު ގިނަވަނީ، ކީއްވެ ކަމެއް ނޭނގެ
ދެ ބޯ ލީ މިޔަރު ގިނަވަނީ، ކީއްވެ ކަމެއް ނޭނގެ

ދެ ބޯ ހުންނަ މިޔަރު ދުނިޔޭގެ އެކި ހިސާބުތަކުން ފެނުން މިހާރު ވަނީ އިތުރުވެފަ އެވެ. އެކަމަކު މިއީ ކިހިނެއް ދިމާވާ ކަމެއްތޯ ދިރާސާކުރަމުން އަންނަ ސައިންސްވެރިންނަށް ވެސް ސަބަބަކާ މެދު އެއްބަހެއް ނުވެވެ އެވެ.

ސްޕެއިންގެ މަލާގާގެ ލެބެއްގައި މަސައްކަތްކުރި ސައިންސްވެރިންގެ ބަޔަކަށް މިދިޔަ މަހު ވަނީ ދެ ބޯ ހުންނަ މިޔަރެއްގެ އެމްބްރިޔޯއެއް ފެނިފަ އެވެ. އެއީ ބިސް އަޅާ ވައްތަރުގެ މިޔަރެއްގެ އެމްބްރިޔޯ އެކެވެ. ދެ ބޯ ހުންނަ މިޔަރު އުފަންވަނީ ބަނޑުއަޅައިވިހާ (ބަނޑުގައި ދަރި އަށަގަންނަ) މިޔަރުގެ ކިބައިން އެކަނި ކަމަށް މީގެ ކުރިން ގަބޫލުކުރެވިފައި އޮންނަ ކަމަށް ބީބީސީން ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، ދެ ބޯ ހުންނަ މިޔަރު ފެނުން 2008 ވަނަ އަހަރުން ފެށިގެން އަންނަނީ އިތުރުވަމުން ކަމަށް ނެޝަނަލް ޖިއޮގްރަފިކުން ބުނެފައިވެ އެވެ. އެގޮތުން 2008 ވަނަ އަހަރު ވެސް ވަނީ ދެ ބޯ ލީ "ބްލޫ ޝާކް" އެއްގެ އެމްބްރިޔޯއެއް ފެނިފަ އެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ސައިންސްވެރިންނަށް ވަނީ އެއް ހަށިގަނޑުން ގުޅިފައިވާ "ބްލޫ ޝާކް" ތަކެއް ގަލްފް އޮފް ކެލިފޯނިއާ އާއި ނޯތު ވެސްޓާން މެކްސިކޯ އިން ފެނިފަ އެވެ. އަދި 2013 ވަނަ އަހަރު ފްލޮރިޑާ ކައިރިން ބޭނި މާބަނޑު މިޔަރެއްގެ ބަނޑުގައި ދެ ބޯ ލީ ޅަ މިޔަރު ހުރިކަން ވެސް އެނގިފައިވެ އެވެ.

މި ވަނީ ކީއްކަމާ މެދު ސައިންސްވެރިންނަށް އެއްބަސްވުމަކަށް ނާދެވެ އެވެ. މެރިން ސައިންޓިސްޓެއް ކަމަށްވާ ނިކޮލަސް އެހެމާންއާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައި ވަނީ މިއީ މާ ގިނައިން މިޔަރު ހިފަމުން ދާތީ، ދުޅަހެޔޮ ދަރިމައިވުމަކަށް އޮންނަ ފުރުސަތު ކުޑަވެ، އަށަގަންނަ ޅަ މިޔަރުތަކުގައި އައިބު ހުންނަން މެދުވެރިވަނީ ކަމަށެވެ.

ނެޝަނަލް ޖިއޮގްރަފިކުން ބުނަނީ މިއީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ނުވަތަ މެޓަބޮލިކް ނުވަތަ ކަނޑު ނުސާފުވުމުގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ ކަމަށެވެ.