ކަޅު ނަސްލުގެ ފަންނާނުންނަށް ހިތްވަރަކަށްވި ސެސަލީ ޓައިިޒަން މަރުވެއްޖެ
ކަޅު ނަސްލުގެ ފަންނާނުންނަށް ހިތްވަރަކަށްވި ސެސަލީ ޓައިިޒަން މަރުވެއްޖެ

ހޮލީވުޑްގައި މަސައްކަތްކުރާ ކަޅު ނަސްލުގެ މީހުން ނަމޫނާއަކަށް ބަލައި ހިތްވަރެއްގެ ގޮތުގައި ދެކެމުން ދިޔަ ދުވަސްވީ ބަތަލާ ސިސަލީ ޓައިޒަން ބުރާސްފަތި ދުވަހު މަރުވެއްޖެ އެވެ.

އުމުރުން 96 އަހަރުގެ ބަތަލާ މަރުވިކަން އާއިލާ އިން ކަށަވަރުކޮށް ދިން ނަމަވެސް މަރާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ސެސަލީގެ 96 ވަނަ އުފަން އުފަން ދުވަސް މިދިޔަ މަހުގެ 19 ގައި ފާހަގަކުރި އިރު، ހޮލީވުޑްގެ ވަރަށް ގިނަ ކަޅު ނަސްލުގެ ފަންނާނުން އޭނާ އަށް ތަހުނިޔާ ފޮނުވައި، ހިތްވަރުގެ ބަސްތައް ރައްދުކޮށްފައިވެ އެވެ. އަދި އޭނާގެ މަރުގެ ޚަބަރާ އެކު ވަރަށް ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް، ސެސަލީގެ ބައެއް ހަނދާންތައް ވެސް އާކޮށްފަ އެވެ.

ސެސަލީގެ މަރާ ގުޅިގެން ޓްވީޓްކުރި މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސެސަލީގެ މަރާ ގުޅިގެން އާއިލާ އިން ނެރުނު ބަޔާނުގައި އޭނާގެ ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެކަމަކު ސެސަލީގެ ނަމަކީ މުނިފޫހި ދާއިރާގައި ތާއަބަދަށް ދެމިއޮންނާނެ ނަމެއް ކަމަށެވެ. އޭނާ ބުރާސްފަތި ދުވަހު މަރުވި އިރު، މިދިޔަ އަންގާރަ ދުވަހު އަމިއްލަ އޮޓޯބައޮގްރަފީ "ޖަސްޓް އޭޒް އައި އޭމް" ނެރެފައިވެ އެވެ.

އެފްރިކާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ސެސަލީ އަކީ ކަޅު ނަސްލުގެ ފަންނާނުންނަށް ވެސް ހޮލީވުޑްގައި ކުރިއަށް ދެވިދާނެކަން ސާބިތުކޮށްދިން ބަތަލާއެކެވެ. އެގޮތުން އޭނާގެ ކެރިއަރުގައި ކުރިމަތިވި އަޑިގުޑަންތަކާ އެކު ވެސް ސެސަލީ ކާމިޔާބު ދިގު ކެރިއަރެއް ބިނާކޮށްފައިވެ އެވެ.

ނިއު ޔޯކަށް އުފަން ބަތަލާ އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގައި މަސައްކަތްކޮށްފައިވެ އެވެ. ސިސަލީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ސައުންޑާ (1972) އާއި ދި އޮޓޯބައޮގްރަފީ އޮފް މިސް ޖޭން ޕިޓްމަން (1974)، އޯލްޑެސްޓް ލިވިން ކޮންފެޑެރޭޓް ވިޑޯ ޓެލްސް އޯލް (1994)، ޑައިރީ އޮފް އަ މޭޑް ބްލެކް ވުމަން (2005) އަދި ދަ ހެލްޕް (2011) ހިމެނެ އެވެ.

ސިސަލީ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ތުރިލާ "އަ ފޯލް ފްރޮމް ގްރޭސް" އިންނެވެ.