29 ޖެނުއަރީ 2021 - 06:25

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އޮކްސްފޯޑް-އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިން ދޭނީ ހަމައެކަނި 65 އަހަރުން ދަށުގެ މީހުންނަށް ކަމަށް ޖަރުމަނުން ނިންމުމާ އެކު، އެ ވެކްސިން މިހާރު ދެމުން އަންނަ އިނގިރޭސި ވިލާތުންނާއި އެސްޓްރަޒެނެކާ އިން ވެކްސިނަށް އިތުރު ޔަގީންކަންދީފި އެވެ.
އިންޑިއާގައި "ކޮވިޝީލްޑް" ގެ ބްރޭންޑް ނަމުގައި އުފައްދައި ރާއްޖެ އާއި އެތައް ބައިވަރު ގައުމަކަށް މިހާރު ފޮނުވައި އަދި ޖަހަމުންދާ ވެކްސިން އުމުރުން 65 އަހަރުން މަތީ މީހުންނަށް ނުދޭން ޖަރުމަނުން ލަފާ ދިނީ ވެކްސިނުގެ ރައްކާތެރިކަމާ މެދު ސުވާލެއް އުފެދިގެންނެއް ނޫނެވެ. ނަމަވެސް ޖަރުމަނުން ބުނީ އެ އުމުރުގެ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ލިބޭނެކަން ޔަގީންކުރެވޭ މައުލޫމާތު ޖަރުމަނުގެ ކަމާބެހޭ އިދާރާތަކަށް ލިބިފައި ނެތީ ކަމަށެވެ. ވަކި ގޮތަކަށް ކަމެއް ނިންމަން އެކަށީގެންވާ ހެއްކަކީ ކޮބައިކަމާ މެދު މެޑިކަލް ކަންކަމުގައި، ސައިންސްވެރިންގެ މެދުގައި އަބަދުވެސް ހިޔާލް ތަފާތުވެ އެވެ.
ޖަރުމަނުގެ މި ނިންމުމާ އެކު ޕަބްލިކް ހެލްތު އިންގްލެންޑުން ބުނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިއްބައިދޭ ވެކްސިނެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެ އިދާރާގެ ވެކްސިން ޕްރޮގްރާމްގެ ވެރިޔާ ޑރ. މޭރީ ރަމްސޭ ބީބީސީ އަށް ވިދާޅުވީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިން ދިނުމުން ހަށިގަނޑުގައި ކޮވިޑާ ދެކޮޅަށް "ވަރުގަދަ ރައްކާތެރިކަމެއް" އުފެދޭ ކަމަށެވެ. އަދި ކޮވިޑްގައި ހާލު ބޮޑުވުމުގެ ފުރުސަތު އެތައް ގުނައަކަށް ކުޑަކޮށްދޭކަން އޭނާ ވަކިން ފާހަގަކުރެއްވި އެވެ.
އެސްޓްރަޒެނެކާއިން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިނުން ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
"އެސްޓްރަޒެނެކާ އަދި ފައިޒާ-ބައިއޮންޓެކް ވެކްސިން ވެސް ރައްކާތެރި. އަދި މި ވެކްސިންތަކުން ކޮވިޑް-19 އާ ދެކޮޅަށް ވަރަށް ބޮޑު ރައްކާތެރިކަމެއް އުފައްދައިދޭ. އަދި ޚާއްސަކޮށް، ބަލީގައި ބޮޑުވަރު ވުމާ ދެކޮޅަށް،" ޑރ. ރަމްސޭ ވިދާޅުވި އެވެ.
"ވެކްސިންގެ ޓްރަޔަލްގައި، އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުން އެކަށީގެންވާ ރައްކާތެރިކަން ފެނިފައިވާ ނިސްބަތް މަދު ނަމަވެސް [މިހާރު ކުރިއަށް ގެންދާ] ވެކްސިން ޕްރޮގްރާމުން ލިބޭ ނަތީޖާ އިން ވަނީ ވަރަށް ބޮޑު ކަށަވަރުކަމެއް ލިބިފައި."
އެސްޓްރަޒެނެކާގެ ތަރުޖަމާނު ވިދާޅުވީ އެންމެ ފަހުން ލިބިފައިވާ ކްލިނިކަލް ޓްރަޔަލް ޑޭޓާ އިން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިނުން ރައްކާތެރިކަން ލިބޭކަން އެނގޭ ކަމަށެވެ.
މި ވެކްސިނަށް ކޮންމެ އިދާރާއަކުން ހުއްދަ ދިނުމުގައި ވެސް ބަލަނީ ހަމަ އެއް މައުލޫމާތުތަކަކަށެވެ. އެއީ ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާ އެވެ. އޭގައި ބައިވެރިވިކުރި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދެވެ. އެކަން ކުރިން ވެސް އެނގެ އެވެ. އެގޮތަށް ކަންތައް ކުރީ ވެކްސިނެއްގެ ބޭނުންޖެހިފައިވާލެއް ބޮޑުކަމުން ވެކްސިނުގެ ރައްކާތެރިކަން އަވަހަށް ޔަގީންކުރަން ބޭނުންވާތީ އެވެ. ޒުވާން ވޮލަންޓިއަރުން ގިނަކަމުން އެ މީހުންނަށް ގިނައިން ވެކްސިން ދިނީ އެވެ.
ސައިންސްވެރިން އެންމެ ކުރިން ވެސް މި ވާހަކަ ހާމަކަން ބޮޑު ގޮތެއްގައި ދެއްކި އެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ ކްލިނިކަލް ޓްރަޔަލްގައި ވެކްސިން ދިން އުމުރުން ދުވަސްވީ މީހުން މަދު ނަމަވެސް އެހެން ގޮތްގޮތުން އެއްކޮށްފައިވާ މައުލޫމާތުން، އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނަކީ އުމުރުން ދުވަސްވީ މީހުންނަށް ވެސް ރައްކާތެރިކަން ލިބޭ ވެކްސިނެއްކަން އެނގޭ ކަމަށެވެ.
މި ވެކްސިން މިހާތަނަށް ދީފައިވާ އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ކޮވިޑް-19 އިން ދިފާއުކޮށްދޭ އެންޓިބޮޑީސް ގިނަ އަދަދަކަށް ހުންކަން ވަނީ އެނގިފަ އެވެ. މި ވެކްސިން އެންމެ ގިނައިން މިހާތަނަށް ދީފައިވާ އިނގިރޭސި ވިލާތުގެ އެންމެ ފަހުގެ ޑޭޓާތަކުން މިކަން އަދި އިތުރަށް ޔަގީންވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. -- ބީބީސީ