29 ޖެނުއަރީ 2021 - 09:21

ލަންޑަން (ޖެނުއަރީ 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް 3-1 އިން ބަލިކޮށް، ލިވަޕޫލުން މި އަހަރު ލީގުގައި ފުރަަތަމަ ފަހަރަށް މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް ބަލިކުރި ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ލިވަޕޫލަށް މޮޅެއް ހޯދިފައިނުވާއިރު، ރޭގެ މެޗަށް އެ ޓީމުން ނުކުތްއިރު އޮތީ ޕްރެޝަރުގަ އެވެ. ޓޮޓެންހަމް އަތުން ހޯދި މި މުހިއްމު މޮޅާ އެކު ލިވަޕޫލް ވަނީ އަލުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަ ވަނައިގައި އޮތީ 19 މެޗުން 33 ޕޮއިންޓާ އެކު އެވެ.
މެޗު ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ގޯލު ޖަހަން ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުން ނުހިފުނެވެ. ޓޮޓެންހަމުން ކުރި ފުރަތަމަ އެޓޭކުގައި އެ ޓީމުގެ ސޮން ހެއުން މިން ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. އެއީ ސޮން އޮފްސައިޑްގައި ހުރުމުންނެވެ. ލިވަޕޫލުން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުންނެވެ. މިއީ މާނޭ ހުސްކޮށްލާފައި ދިން ފުރުސަތަކުން ފިރްމީނޯ ޖެހި ގޯލެކެވެ.
ޓޮޓެންހަމާއި ލިވަޕޫލުން ވެސް ދެ ވަނަ ހާފަށް ނުކުތީ ބަދަލުތަކާ އެކު އެވެ. ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޓޮޓެންހަމްގެ އެއް ވަނަ ފޯވާޑް ހެެރީ ކޭން ބަދަލުކުރިއިރު، ލިވަޕޫލްގެ ފަހަތަށް ކުޅޭ ޖޮއެލް މަޓިޕަށް ވެސް އަނިޔާވުމުން އޭނާ ވެސް ވަނީ ބަދަލުކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 47 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ވަނީ ލިވަޕޫލަށް ލީޑުފުޅާކޮށްދީފަ އެވެ. ލިވަޕޫލުން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުން ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބިއާ ވަނީ ގޯލެއް ޖަހައިފަ އެވެ. އޭގެ ފަހުން ލިވަޕޫލަށް މުހައްމަދު ސަލާހު ވަނީ ގޯލެއް ޖަހައިދީފަ އެވެ. އެކަަމަކު އެ އެޓޭކް ފެށިއިރު ފިރްމީނޯ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި މާނޭ އެވެ. މިއީ އާނޯލްޑް ނެގި ހުރަހަކުން މާނޭ ޖެހި ގޯލެކެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފަހަކަށް އައިސް މެޗަކަށް ވުރެ މެޗެއް ޓީމުގެ ހާލަތު ރަނގަޅުކުރަމުން އަައިސް ރޭ ޓީމެއްގެ ގޮތުގައި މޮޅުވާން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އަދިވެސް ލިވަޕޫލުން ބޭނުންވާ ލެވަލަށްދާނަަމަ ރަނގަޅުކުރަން ޖެހޭ ކަންތައްތައް ގިނަކަން ކްލޮޕް ފާހަގަކުރި އެވެ.
މި ފަހަރު ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ޓޮޓެންހަމް ބަލިވީ އެވެ. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމަށް މި މެޗު ގެއްލުނީ މުހިއްމު ވަގުތުތަކުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި މެޗުގެ ކުރީކޮޅުގައި ސޮންގެ ގޯލު ބަލައިނުގަންނަން ރެފްރީ ނިންމީ ހިސާބުން ބައެއް ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކުރި ކަމަށެވެ.