ކޮވިޑުން 111 މީހަކު ރަނގަޅުވެ އާ 106 ކޭސް
ކޮވިޑުން 111 މީހަކު ރަނގަޅުވެ އާ 106 ކޭސް

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކޮވިޑް-19 ގެ އާ 106 ކޭސް ރާއްޖޭން ފެނިފައި ވާއިރު 111 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ހާމަކުރާ ދުވަހު ހިސާބުގެ މިރޭގެ އަދަދުތަކުގައިވާ ގޮތުން އަލަށް ފެނުނު ކޭސްތަކާ އެކު މިހާރު ވަނީ މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 15،496 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،028 އަށް އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކަކީ އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޓެސްޓުކުރި 3،292 ސާމްޕަލުން ފެނުނު ކޭސްތަކެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް ގޮސް ކޮންމެ ދުވަހަކު އާ 100 އަށް ވުރެ ގިނަ ކޭސް ފެންނަތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ. އެއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ދަށުގައި ހުރުމަށް ފަހު މިހާރު ވަނީ 116 އަށް އަރައިފަ އެވެ.

ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވަނިކޮށް ރާއްޖޭގައި މިހާރު ވަނީ ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފަ އެވެ. ނަމަވެސް ވެކްސިން ދޭން ފަށާނެ އިރެއް އަދި ނުބުނެ އެވެ.