02 ޖޫން 2016 - 16:12

ދިރާގުން ފޯރު ކޮށްދޭ 4ޖީގެ ހިދުމަތް އަނެއްކާ ވެސް އިތުރު ތިން ސަރަހައްދަކަށް ދޭން މިއަދު ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ހިދުމަތް އަލަށް ދޭން ފަށާފައި ވަނީ ދ. ކުޑަހުވަދު އާއި ލ. ގަން ތުނޑި އަދި މަތިމަރަދޫ އަވަށުގެ އިތުރުން ރ. ދުވާފަރަށެވެ.
"ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިއުމުން މި ރަށްތަކުގެ ހުރިހާ މުއައްސަސާތަކާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް އިތުރު ލުއި ފަސޭހަތައް ލިބިގެން ދާނެ. މިއީ ރަށްތަކުގެ ކުރިއެރުމަށް ވެސް އެޅިގެން ދާނެ ވަރަށް މުހިއްމު ފިޔަވަޅެއް،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވި ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.
ދިރާގުން ދަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 4ޖީ އެލްޓީއީގެ ހިދުމަތް ފުޅާ ކުރަމުންނެވެ. މިދިޔަ ހަފުތާގައި ވެސް ތިން ރަށަކަށް މި ހިދުމަތް ތައާރަފް ކޮށްފައިވެ އެވެ. އެއީ ޅ. ހިންނަވަރާއި ނ. ވެލިދޫ އަދި ރ. ދުވާފަރެވެ.
ރާއްޖޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކު އެ ކުންފުނިން ގާއިމް ކޮށްފައި ވާއިރު، އެއީ އެންމެ ހަލުވި ސްޕީޑް ވެސް ލިބޭ ވިއުގަ ކަން ދިރާގުން ފާހަގަ ކުރެ އެވެ. އަލަށް ހިދުމަތް ދޭން ފެށި ތިން ސަރަހައްދާ އެކު، ދިރާގުގެ 4ޖީ ހިދުމަތް މާލެ އާއި މާލެ އަތޮޅުގެ އިތުރުން، އައްޑު އާއި ފުވައްމުލަކާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދު އާއި ޅ. ނައިފަރާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ހިންނަވަރާއި ނ. ވެލިދޫ އަދި ރ. ދުވާފަރުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ދެމުންނެވެ.