އަދާލަތު ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އީސީން ބަލައިގެންފި
އަދާލަތު ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އީސީން ބަލައިގެންފި

އަދާލަތު ޕާޓީގެ ހުރިހާ މަގާމުތަކަކަށް ވެސް އަންހެނުންނަށް ކުރިމަތިލެވޭ ގޮތް ހަދައި އަސާސީ ގަވައިދަށް ގެނައި އިތުރު ބަދަލުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފި އެވެ.

އީސީން ބުނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 33 ވަނަ ކުއްލި ޖަލްސާގައި އެ ބަދަލުތައް ފާސްކޮށް، އެންޑޯޒްކޮށްފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ މީޑީއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ އެ ޕާޓީގެ ދުސްތޫރަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ޕާޓީގެ ހުރިހާ މަގާމަކަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ގެނައި ބަދަލު ކަމަށެވެ. އަދި ޕާޓީގެ ނައިބަކަށް އެކަކަށް ވުރެ ގިނަ މެމްބަރުން ހޮވޭ ގޮތަށް ގެނައި އިސްލާހު ވެސް މިހާރު އީސީން ބަލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ބަދަލުތައް އީސީން ބަލައިގަތުމުން އެ ޕާޓީން އުސޫލާ އެއްގޮތަށް އަމަލުކުރާނެކަން ފާހަގަކުރައްވަމުން ނަޒީރު ވިދާޅުވި އެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލާން މި މަހު ހުޅުވާލުމަށް ފަހު، އެތައް ފަހަރަކު މުއްދަތު އިތުރުކުރުމުން އެއީ ވަކި ބަޔަކަށް ފުރުސަތު ދިނުމަށް ކުރި ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ތުހުމަތުކުރި ކަމަށާއި އެކަމަކު އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މިހާރު އެނގިލައްވާނެ އެންމެން އަށް ވެސް ޕާޓީ އިން ކަންތައްތައް މި ކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މި އިންތިހާބުގައި އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރު އަދި ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.