29 ޖެނުއަރީ 2021 - 07:14

ޗައިނާގެ ވަން ޕްލަސް ބްރޭންޑްގެ ފޯނު އުފެއްދުމުގެ މޭސްތިރިިންގެ ތެރޭގައި ހިމެނޭ ކާލް ޕީ މިދިޔަ އަހަރު ކުންފުނި ދޫކޮށްލުމަށް ފަހު "ނަތިން" ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައިފި އެވެ.
ވަން ޕްލަސް އަކީ ކާލް އާއި ޕީޓް ލޯ ބާނީންގެ ގޮތުގައި ހިއްސާވެގެން މީގެ 8 އަހަރު ކުރިން 2013 ގައި އުފެއްދި ކުންފުންޏެކެވެ.
ކާލްގެ "ނަތިން" އިއުލާންކުރި ނަމަވެސް އެ ކުންފުނިން ނެރޭނެ އުފެއްދުންތަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކުންފުނީގެ އުފެއްދުންތަކެއް މާކެޓަށް އަންނާނެ ކަމަށް ބުންޏެވެ.
"ނަތިން" އިން ނެރުނު ބަޔާނެއްގައި ބުނީ އަމާޒަކީ ޓެކްނޮލޮޖީގެ ދާއިރާ އިން އިތުރު ފަސޭހަތަކެއް ގެނެސްދީ، އެ ދާއިރާ އިން ކުރިއެރުންތަކެއް ހޯދުން ކަމަށެވެ.
"އަހަރެމެންގެ އަމާޒަކީ ވަރަށް އޮމާން ފަސޭހަ ޑިޖިޓަލް ފިއުޗާއެއް. ޓެކްނޮލޮޖީ އަކީ މިހާރު އެއާ ނުލައި ނޫޅެވޭނެ އެއްޗަކަށްވާތީ އަހަރެމެންގެ މަގުސަދަކީ ބޭނުންތެރި، އުފެއްދުންތެރި އަދި ބޭނުންކުރަން ފަސޭހަ އެޑްވާންސް އުދެއްދުންތަކެއް ގެނެސްދިނުން،" ނަތިން އިން ބުންޏެވެ.
އެ ކުންފުނިން ނެރޭނެ އުފެއްދުންތަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ދީފައި ނުވާތީ އެ ކުންފުނި ވާދަކުރާނީ ޓެކް ދާއިރާގެ ކޮން ކުންފުނިތަކަކާ ކަމެއް ވެސް ނޭނގެ އެވެ. ކާލް ވިދާޅުވި ގޮތުގައި އިންތިޒާރުކޮށްލަން ޖެހެނީ ނަތިންގެ "ސްމާޓް ޑިވައިސްތައް" ބާޒާރަށް ނެރެން ފަށާނެ އިރަކަށެވެ. އޭރުން ވެރައިޓީ ވަރަށް ފުޅާކޮށް ގިނަ އުފެއްދުންތަކަކަށް އުންމީދުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ވަން ޕްލަސް އަކީ ފޯނާ ހެޑްފޯނާއި ޓީވީ އަދި އެ ނޫން ވެސް ބައެއް އުފެއްދުންތައް މިހާރު ނެރެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ބެލެނިވެރި ކުންފުންޏަކީ މިހާރު ބީބީކޭ އިލެކްޓްރޯނިކްސް އެވެ. އޮޕޯ އަކީ ވެސް އޭގެ ސަބްސިޑަރީއެކެވެ.
ކާލް، 31، ބުނިގޮތުގައި "ނަތިން" ހިންގާނީ މިނިވަން މުސްތަގިއްލު ކުންފުންޏެއްގެ ގޮތުގަ އެވެ. އަދި އެ ކުންފުންޏަކީ އޮރިޖިނަލް އުފެއްދުންތަކެއް ގެނެސްދޭނެ ކުންފުންޏެކެވެ.
"އަހަރެމެން މަސައްކަތް ކުރާނީ ހަމަ މުޅިން އިންޑިޕެންޑެންޓްކޮށް. މާނަ އަކީ އެހެން ކުންފުންޏެއްގެ ދަށުން ނުވަތަ އެހެން ކުންފުންޏެއް ޕްރޮޑަކްޓެއް ގަނެގެން އެރިލޭބަލްކޮށްގެން ހިންގާ ކުންފުންޏެއްގެ ގޮތުގައެއް ނަތިން ނުހިންގާނެ،" ޗައިނާ އަށް އުފަން އެކަމަކު ސްވިޑްންގެ ރަށްވެހިކަން އޮންނަ ކާލް ބުންޏެވެ. "އަމިއްލަ އުފެއްދުންތަކެއް އަހަރެމެން ގެނެސްދޭނީ. ތަފާތު އުފެއްދުންތަކެއް ތަފާތު ގޮތްގޮތަށް އަހަރެމެން ގެނެސްދޭނަން."