ކޮވިޝީލްޑް ވެކްސިން އަވަހަށް ޖަހަން ބޭނުން: ނަޝީދު
ކޮވިޝީލްޑް ވެކްސިން އަވަހަށް ޖަހަން ބޭނުން: ނަޝީދު

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޑް-19 ވެކްސިން ވީހާވެސް އަވަހަކަށް ޖައްސަވަން ބޭނުންވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން އިންޑިއާގައި އުފައްދާފައިވާ 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް އެ ވެކްސިން ރާއްޖޭގައި ޖަހާކަށް އަދި ނުފަށަ އެވެ.

ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވީހާވެސް އަވަހަަކަށް އެ ވެކްސިން ޖައްސަވަން ބޭނުންވަނީ އެ މަނިކުފާނުގެ ފަރާތުން އެއްވެސް މީހަކަށް ބަލި ޖެހުނަ ނުދިނުމަށާއި އެންމެން މިކަމުން ސަލާމަތް ވުމަށް އެދިވަޑައިގަންނަވާތީ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޭނުން މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރާޒެނެކާ ވެކްސިން ޖަހަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ ވެކްސިން ދިނުމުގައި ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށާއި ހައި ރިސްކު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށެވެ. ވެކްސިން ދޭނެ ތަރުތީބު ކަނޑައަޅާނީ އެޗްޕީއޭ އިންނެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހަން ރަޖިސްޓްރީކޮށްފަ އެވެ.

ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ވަނީ އެ އުފެއްދި ކުންފުނިން ޑަބްލިއުއެޗްއޯ އަށް ހުށަހަޅައިފަ އެވެ. އެހެންވެ ލަސްތަކެއް ނުވެ އެ ވެކްސިނާ މެދު އެތަނުން ގޮތެއް ނިންމާނެ އެވެ. ރާއްޖޭެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މި ވެކްސިންގެ މައުލޫމާތު ހޯދައި އޭގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެން ބައެއް ގައުމުތަކުގައި މިހާރު ވެސް ޖަހަމުން އަންނަ މި ވެކްސިން ރާއްޖޭގައި ދޭން ފަށާނީ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.