28 ޖެނުއަރީ 2021 - 19:11

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް މެޗުތަކުގެ ސްޓެޓްސް ނަގަން މި ސީޒަނުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށައި، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުތަކުގެ ސްޓެޓްސް އާއި އެ ނޫން ވެސް މުހިއްމު މައުލޫމާތު ހިމެނޭ ގޮތަށް އިއްޔެ އެފްއޭއެމުން ފޮތެއް ނެރެފި އެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ކުރިން އެފްއޭއެމްގެ ފުރަތަމަ ސްޓެޓްސް ފޮތް ނެރެދެއްދީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އުމަރެވެ. މިއީ މުޅި އެފްއޭއެމްގެ ހުރިހާ ޑިޕާޓްމަންޓެއް ގުޅިގެން ކުރި މަސައްކަތެއް ނަމަވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ކޮމްޕެޓިޝަން ޑިޕާޓްމަންޓާއި ސްޓެޓްސް ޑިޕާޓްމަންޓްގެ އިތުރުން ޓެކްނިކަލް ޑިޕާޓްމަންޓްގެ ކަަމަށް އެފްއޭއެމުން ބުންޏެވެ.
ސްޓެޓްސް ފޮތާ ބެހޭގޮތުން ގަލޮޅު ދަނޑުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވީ، މިއީ އެފްއޭއެމްގެ ތާރީހުގައި މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން ކުރަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއް ހާސިލްކުރެވުނު ދުވަސް ކަމަށެވެ.
"މިއީކީ އާދައިގެ ވަގުތު ކޮޅެއްގެ ކަމެއް ނޫން. ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކޮށްފައިވާ ރަނގަޅު މަސައްކަތެއް،" ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ ޑުންގާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނީ، މި ފޮތުގެ ބޭނުން އެންމެ ބޮޑަށް ކުރެވޭނެ ބަޔަކީ ޓީމުތަކުގެ ކޯޗުންނާއި ޓެކްނިކަލް ސްޓާފުންނަށް ކަމަށެވެ.
ރާއްޖޭގެ ކްލަބްތަކުގައި ޓެކްނިކަލް މަސައްކަތްކުރާ މީހުންނަށް ޑާޓާ ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް މި ފޮތުން ހައްލެއް ލިބޭނެ ކަމަށް ޝާކިއްޓެ ދެކެ އެވެ.
"މިސާލަކަށް ކްލަބުގެ ޕްލޭޔަރުން ކުޅެފައި ހުރި މިނިޓާއި ކާޑު ދައްކާފައި ހުރި ކަމާއި އެސިސްޓެއްކޮށްފައި ހުރިއްޔާ އެސިސްޓެއް ކޮށްފައި ހުރިކަމާ. އެ ކަހަލަ ބައެއް ކަހަލަ ސަމަރީސްގެ އިތުރުން ފޮތުން ބަލާލީމަ އެނގޭނެ މިވެނި ޓީމެއްގެ ކޮޅަށް ފުރަތަމަ 15 މިނިޓް ތެރޭގައި ކިތައް ގޯލުތޯ ޖަހާފައި އިނީ. ފްރީކިކުންތޯ ކޯނަރުންތޯ. ޕެނަލްޓީ އޭރިއާ އެތެރެއިންތޯ ނުވަތަ ނޫންތޯ. އެކަހަލަ ޑީޓެއިލްތަކެއް މީގެއިން ލިބިގެންދާނެ،" ޒުވާން ގައުމީ ޓީމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޝާކިއްޓެ ބުންޏެވެ.
ޑުންގާ ވިދާޅުވީ މި މަސައްކަތަކީ ފެށުމެއް ކަމަށާއި މީގެ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާއި ބިނާކުރި ފާޑުކިޔުންތަކާ އެކު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
"ހުންނާނެ އުނި ކަންތައްތަކެއް ވެސް. ދުވަހަކަށް ފަހު ދުވަހެއް މީގެއާ މެދު ވިސްނައި ހަމަގައިމު ވެސް މުހިއްމު ކަންނޭނގެ ޓީމުތަކުގެ ކޯޗުންނާއި ޓެކްނިކަލް މީހުންނާ މަޝްވަރާކޮށްލުން. ކޯޗުންނަށް މުހިއްމު އަދި ބޭނުންވާ ކަންތައްތައް އިތުރުކޮށްލާނަން. ފާޑުކިޔަސް ބޭނުންވަނީ މީތި އިތުރަށް ރަނގަޅުވާނެ ކަންތައްތައް އިތުރުކޮށްލަން،" ޑުންގާ ވިދާޅުވި އެވެ.
އެފްއޭއެމުން ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތަކީ ފުރަތަމަ ފޮތެއްގެ ގޮތަށް ސްޓެޓްސްތައް ނެރުމަށް ފަހު ދެން އެ އެސޯސިއޭޝަނެއްގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު އަބަދުވެސް ލިބޭގޮތަށް ބެހެއްޓުން ކަމަށެވެ. އެފްއޭއެމުން ވެސް އަމަލުކުރަން ވިސްނާފައިވަނީ އެ ގޮތަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.