ކޭސްތައް މަދުވާތީ އިންޑިއާ އިން އިތުރު ލުއިތައް ދެނީ
ކޭސްތައް މަދުވާތީ އިންޑިއާ އިން އިތުރު ލުއިތައް ދެނީ

ނިއު ދިއްލީ (ޖެނުއަރީ 28) - ކޮރޯނާވައިރަހުގެ ކޭސްތައް މަދުވާތީ، އިންޑިއާ އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިތުރު ލުއިތައް ދޭން ފަށައިފި އެވެ.

ކޭސްތައް މަދުވާތީ އިންޑިއާ އިން އިތުރު ލުއިތައް ދެނީ
ކޭސްތައް މަދުވާތީ އިންޑިއާ އިން އިތުރު ލުއިތައް ދެނީ

އިންޑިއާގައި ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށައިފަ އެވެ. ސަރުކާރުގެ ބުރާސްފަތި ދުވަހުގެ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް ޖެހިގެން އިންޑިއާ އިން މަރުވެފައި ވަނީ 123 މީހުންނެވެ. ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 11،666 މީހުންނެވެ.

ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އެމެރިކާގެ ނަމްބަރުތަކާ އަޅާބަލާއިރު ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާ އިން އެވްރެޖްކޮށް ދުވާލަކު 4،000 މީހުން މަރުވެފައިވެ އެވެ. ބްރެޒިލް އާއި އިނގިރޭސި ވިލާތުން ވެސް ދުވާލަކު މަރުވާ ރޭޓް ހުރީ 1،000 އިން މަތީގަ އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ކޮވިޑް ޕީކަށް ދިޔަ އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދުވާލަކު 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިންކަން އިއުލާން ކުރައްވަމުން ހޯމް ސެކްރެޓަރީ އަޖޭ ކުމާރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު މަސް ދުވަސް ތެރޭ އިންޑިއާގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ސަމާލުވެގެން އުޅުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިންޑިއާ އިން ވަނީ މާޗް މަހު ވަރަށް ހަރުކަށިކޮށް ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ވަނީ އިގްތިސާދު ހުޅުވާލަން ލުއިދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި ވަކި އަދަދަކަށް މީހުން ބައިވެރި ކުރެވޭ ގޮތަށް ކައިވެނި ޕާޓީތައް ބޭއްވުމާއި ދީނީ އެއްވުންތައް ބޭއްވުން ހިމެނެ އެވެ. އެންމެ ފަހުން ބުދަ ދުވަހު ދިން ލުއިތަކުގެ ތެރޭގައި ސްވިމިން ޕޫލްތައް ހުޅުވުމާއި 50 ޕަސެންޓް ޖާގައިގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ އިންޑިއާ އަށް ކޮވިޑުގެ އިތުރު ރާޅެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދެމުންނެވެ. އަދި އިނގިރޭސި ވިލާތާއި ސައުތު އެފްރިކާ އިން ފެނުނު އާ ވޭރިއަންޓް އިންޑިއާގައި ފެތުރިދާނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 10,702,031 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 153,885 މީހުން މަރުވެފަ އެވެ. އިންޑިއާ ސަރުކާރުން މި ހަފުތާގައި އާއްމުކުރި ސާވޭއެއްގެ ނަތީޖާއިން ދައްކާފައިވާ ގޮތުގައި ވެރިރަށް ނިއު ދިއްލީގެ 50 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފަ އެވެ.

އިންޑިއާ އިން ވަނީ ޖެނުއަރީ 16 އިން ފެށިގެން ވެކްސިން ދޭން ފަށައިފަ އެވެ. މިހާތަނަށް ވަނީ 2.4 މިލިއަން ހެލްތު ވޯކަރުންނަށް ވެކްސިން ދީފަ އެވެ. އިންޑިއާ އިން އަމާޒުކޮށްފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.