28 ޖެނުއަރީ 2021 - 13:58

ބްރެސަލްސް (ޖެނުއަރީ 28) - އެއްބަސްވެފައިވާ އަދަދަކަށް ޔޫރަޕުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އެސްޓްރަޒެނެކާ ކުންފުންޏަށް ދިމާވި މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ކުންފުންޏާ ދެމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
އެސްޓްރަޒެނެކާ އިން ކުރިން ބުނެފައި ވަނީ ޔޫރަޕަށް ޖެނުއަރީ-މާޗުގައި ސަޕްލައި ކުރެވޭނީ އެއްބަސްވި އަދަދުން ބައެއް ކަމަށެވެ. އެ ގޮތަށް ދިމާވީ ޔޫރަޕުގައި ހުރި ވެކްސިން އުފައްދާ ޕްލާންޓްތަކަށް ދިމާވި މައްސަލައެެއްގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު އީޔޫން ބުނެފައި ވަނީ އެސްޓްރަޒެނެކާ އިން އެއްބަސްވި ގޮތަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
އެސްޓްރަޒެނެކާ އާއި އީޔޫއާ ދެމެދު ގާއިމްކުރި އެއްބަސްވުމުގައި ސިއްރު މާއްދާއް ހިމެނެ އެވެ. ނަމަވެސް އީޔޫ އިން މިހާރު ބޭނުން ވަނީ އެ މާއްދާ ވެސް ހާމަކުރާށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި އީޔޫ އަށް ފުރަތަމަ ކުއާޓާރުގައި ލިބޭނީ އެއްބަސްވި އަދަދުގެ 60 ޕަސެންޓަށް ވުރެ މަދު ވެކްސިނެވެ. އެއީ ގާތްގަނޑަކަށް 50 މިލިއަން ޑޯޒެވެ.
އޮކްސްފޯޑާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ވެކްސިނަށް ޔޫރަޕުން އަދި ހުއްދަ ދީފައެއް ނުވެ އެވެ. ނަމަވެސް ހުކުރު ދުވަހު އެ ހުއްދަ ދޭނެ ކަމަށް ބެލެވެ އެވެ.
އީޔޫ އާއި އެސްޓްރަޒެނެކާ އިން އޮގަސްޓް މަހު ވަނީ 300 މިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެ އެއްބަސްވުމުގައި ވަނީ އިތުރު 100 މިލިއަން ފޯރުކޮށްދިނުމުގެ ބައެއް ވެސް ހިމަނައިފަ އެވެ. ނަމަވެސް އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ ސަޕްލައި އަށް ލަސްކަމެއް އައިސްފައި ވަނީ ބެލްޖިއަމް އާއި ނެދަލޭންޑްސްގައި ހުރި ޕްލާންޓްތަކަށް މައްސަލަ ދިމާވުމުން ކަމަށެވެ.
ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިން ވެސް ޔޫރަޕަށް ފޮނުވުމުގައި ވަނީ ލަސްތަކެއް ދިމާވެފަ އެވެ.
އީޔޫ އިން ވަނީ ހަތަރު ކުންފުންޏަކުން 2.3 ބިލިއަން ޑޯޒުގެ ވެކްސިނަށް އޯޑަރުދީފަ އެވެ. އޭގެ ތެރޭން އެޕްރޫވްވެފައި ވަނީ ފައިޒާގެ 600 މިލިއަން ޑޯޒާއި މޮޑާނާގެ 160 މިލިއަން ޑޯޒެވެ.