28 ޖެނުއަރީ 2021 - 12:24

ސިޑްނީ (ޖެނުއަރީ 28) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި އެންމެ ރަނގަޅަށް ފިޔަވަޅު އަޅާފައިވާ ގައުމަކީ ނިއު ޒީލެންޑް ކަމަށާއި ކޮވިޑް މެނޭޖް ކުރުމުގައި އެންމެ ދޯދިޔާކޮށް އަމަލުކޮށްފައި ވަނީ ބްރެޒިލް އިން ކަމަށް އޮސްޓްރޭލިއާގެ ޖަމާއަތަކުން ކުރި ސާވޭއަކުން ދައްކައިފި އެވެ.
ސިޑްނީގެ ލޯވީ އިންސްޓްޓިއުޓުން ވަނީ ގާތްގަނޑަކަށް 100 ގައުމެއްގައި ކޮވިޑް މެނޭޖްކުރި ގޮތް ހަ ކަމެއްގެ މައްޗަށް ބަލައިފަ އެވެ. އޭގެ ތެރޭގައި ކޭސްތަކުގެ އަދަދާއި މަރުވާ ރޭޓާއި ޓެސްޓްކުރާ ގޮތް ހިމެނެ އެވެ.
ބަލީގެ ވަރަށް ކުރީކޮޅު ނިއު ޒީލެންޑުން ވަނީ ފިޔަވަޅުތައް އަޅައި ކޮވިޑް ކޮންޓްރޯލްކޮށްފަ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނިއު ޒީލެންޑުގެ އިތުރުން ދެން ފާހަގަކޮށްލެވޭ 10 ގައުމުގެ ގޮތުގައި އެ ޖަމާއަތުން ހިމަނާފައި ވަނީ ވިއެޓްނާމް، ޓައިވާން، ތައިލެންޑް، ސައިޕްރަސް، ރުވާންޑާ، އައިސްލޭންޑް، އޮސްޓްރޭލިއާ، ލެޓްވިއާ އަދި ސްރީ ލަންކާ އެވެ.
ސަތޭކަ ގައުމުގެ ލިސްޓަށް ބަލާއިރު ފުލުގައި ހިމެނެނީ ބްރެޒިލް، މެކްސިކޯ، ކޮލަމްބިއާ، އީރާން އަދި އެމެރިކާ އެވެ. ބްރެޒިލުން ވަނީ ނުވަ މިލިއަން މީހުން ޕޮޒިޓިވްވެ 220،000 މީހުން މަރުވެފަ އެވެ. އެމެރިކާ އިން 26,166,423 މީހުން ޕޮޒިޓިވްވެ 440،000 މީހުން މަރުވެފަ އެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ ލިސްޓުގައި ހިމަނައިފައެއް ނުވެ އެވެ. ސަބަބަކީ އެ ޖަމާއަތުން ބުނިގޮތުގައި، ޓެސްޓްކުރާ ގޮތުގެ ޑޭޓާ ޗައިނާ އިން ނުލިބުމެވެ.
ޑިސެމްބަރު 2019، ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 101,442,203
މީހުން ޕޮޒިޓިވްވެ 2,184,287 މީހުން މަރުވެފަ އެވެ.