އޮޅުވާލައިގެން ތަރުކާރީ އާއި މޭވާ އެތެރެކޮށް އަގު ވައްޓާލައިގެން ވިއްކަނީ
އޮޅުވާލައިގެން ތަރުކާރީ އާއި މޭވާ އެތެރެކޮށް އަގު ވައްޓާލައިގެން ވިއްކަނީ

ބޭރުގެ ކުންފުނިިތަކަށް އޮޅުވާލައިގެން ތަރުކާރި އާއި މޭވާ ރާއްޖެ އެތެރެކުރުމަށް ފަހު، އެ ކުންފުނިތަކަށް ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު މީގެ 10 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި މި މަހު ވެސް މީގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މަކަރާއި ހީލަތުގެ މި އަމަލު ހިންގާ ބަޔަކު ހޯދަން ފުލުހުންގެ އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މަސައްކަތް ފަށާފައި ވާއިރު މިކަމާ ގުޅުން ހުރި ތަންތަނުން ބާޒާރުގެ އާންމު އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ތަކެތި ވިއްކާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޮޅުވާލައިގެން ވިޔަފާރިކުރާ ތަންތަނުން ގިނަ އަދަދެއްގެ ހެކި ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ މިގޮތަށް ވިޔަފާރިކުރާ މީހުން ތަރުކާރީ އާއި މޭވާ ވިއްކަނީ އާންމުކޮށް ބާޒާރުގައި އެ ވިއްކާ އަގަށް ވުރެ މާބޮޑަށް ހެޔޮކޮށް ކަމަށް ވާތީ ދިވެހި ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މަދު ބައެއްގެ މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިންނަށް ބޭރު ކުންފުނިތަކުގެ އިތުބާރު ގެއްލިދާނެ ކަަމަށެވެ. އާދަޔާހިލާފަށް ނުއަގުގައި ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ އެފަދަ ތަންތަނުން ވިޔަފާރި ނުކޮށް ފުލުހުންގެ ސަމާލުކަމަށް ގެންނަން ވަނީ އެދިފަ އެވެ.