އައިޖީއެމްއެޗް ގޮއްވާލަން އިންޒާރު ދިން މައްސަލަ ބަލަނީ
އައިޖީއެމްއެޗް ގޮއްވާލަން އިންޒާރު ދިން މައްސަލަ ބަލަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ގޮއްވާލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މިކަން ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ މީހަކު ފޭސްބުކުގައި ޖެހި ޕޯސްޓަކުންނެވެ.. އޭނާ ހުރީ އެތަން "ގޮއްވާލުމުގެ ހިޔާލުގައި ކަމަށާއި އެ ހިޔާލު ބަދަލުނުވެއްޖެ ނަމަ ގޮއްވާލާނެ" ކަމަށް ބުނެފައިވެ އެވެ.

މައްސަލަ ބަލަމުން އައި ނަމަވެސް ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި މިއީ ކިހާ ވަރެއްގެ ސީރިއަސް އިންޒާރެއް ކަމެއް ވެސް ފުލުހުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އިންޒާރު ދިން މީހާގެ އާއިލާ އިން ބުނިގޮތުގައި، އޭނާ އަކީ ނަފްސާނީ ބަލި މީހެކެވެ. އެ ބަލީގައި އޭނާ އަކީ ގަވާއިދުން ޑޮކްޓަރަށް ދައްކާ މީހެއް ކަމަށާއި އެ ލިޔެކިޔުންތައް ހުރި ކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

މީގެ ކުރިން، ފްލައިޓްތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމާ އެކު ވެސް ފުލުހުން އެ މައްސަލައިގެ ތަހުގީގު ހިންގައި އެ މީހުންނާ މެދު ފިޔަވަޅު އަޅާފައިވެ އެވެ.