28 ޖެނުއަރީ 2021 - 10:42

އެޗްއެސްބީސީ އަމާނާގެ މެލޭޝިއާގެ ވަގުތީ ސީއީއޯ އަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.
މިމަގާމަށް ހަމަޖެއްސީ އެ ބޭންކުގެ ޝަރީއާ ޑިޕާޓްމަންޓުގެ ހެޑް، އަހުމަދު ފިރާސް އެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ދަރިކަލެއް ކަމަށްވާ ފިރާސް އެޗްއެސްބީސީގައި މަސައްކަތް ކުރައްވާތާ މިއީ ތިން ވަނަ އަހަރެވެ.
އެޗްއެސްބީސީ އަމާނާގައި ވަޒީފާ އަދާކުރުމުގެ ކުރިން އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ފިރާސް އަކީ ޗާޓަޑް ބޭންކާއެކެވެ. އިސްލާމިކް ފައިނޭންސް ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ފިރާސް ވަނީ ރާއްޖޭގައި އިސްލާމިކް ބޭންކިން ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އެމްއައިބީ ހިންގަން ނެގި ފުރަތަމަ އެކްޒެކެޓިވް ޓީމްގައި ފިރާސް ހިމެނެ އެވެ. އަދި އެ ބޭންކް އުފައްދާ އެތަނުގެ ލީގަލް އެންޑް ޝަރީއާ ޑިޕާޓްމެންޓްގެ އިސް ވެރިއެއްގެ ގޮތުގައި ދެ އަހަރު ހުންނެވި އެވެ. އެއަށްފަހު ބީއެމްއެލް އިސްލާމިކް އުފެއްދުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި އެ ބޭންކްގައި ސީނިއާ އެޑްވައިޒަރެއްގެ ގޮތުގައި ހަ އަހަރު ވަންދެން ހުންނެވި އެވެ.
ފިރާސް އަކީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ޝަރީއާ ކައުންސިލްގެ މެންބަރެކެވެ. އޭނާ ވަނީ އިސްލާމިކް ފައިނޭންސްގެ އިތުރުން ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ. އެގޮތުން ހާވާޑް ޔުނިވަސިޓީން ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާއާ ގުޅޭ ކޯހެއް ފުރިހަމަކުރެއްވި އެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލުން ސަސްޓެއިނަބިލިޓީ ލީޑާޝީޕް އާއި ކޯޕަރޭޓް ގަވާނެންސް ދާއިރާއާ ގުޅޭ ކޯހެއް ފުރިހަމަކުރައްވާފައިވެ އެވެ.