28 ޖެނުއަރީ 2021 - 08:54

މެންޗެސްޓާ (ޖެނުއަރީ 28) - އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން 2-1 އިން ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
ރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ބަލިވުމުން ދެ ވަނައިގައި އޮތީ 20 މެޗުން 40 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށް އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ލީގުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ކުޅުނު މެޗުން ވަނީ އެވަޓަންއާ 1-1 އިން އެއްވަަރުވެފަ އެވެ. ލެސްޓާ އަށް 20 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގެ 23 ވަނަ މިނިޓްގައި ޝެފީލްޑަށް ލީޑުނަގައިދިނީ ކީން ބްރަޔަން ބޮލުން ޖެހި ގޯލަކުންނެވެ. ޔުނައިޓެޑަށް ދެ ވަނަ ހާފްގައި އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އެވެ. ޔުނައިޓެޑްގެ ފަހަތުން ގިނަ ގޯސްތަކެއް ފެނުނު މި މެޗުގައި ޝެފީލްޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ޝެފީލްޑް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިވާ ބާކް އެވެ. އެނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު އެކްސެލް ޓުއަންޒޭބޭ ފައިގައި ޖެހިފަ އެވެ.
މިއީ ލީގުގައި މި ފަހަރު ޝެފީލްޑް މޮޅުވި ދެ ވަނަ މެޗެވެ. ޔުނައިޓެޑް ދަނޑުގައި އެ ޓީމު އެންމެ ފަހުން މޮޅުވީ 1992 ވަަނަ އަހަރު އެވެ. އަނެއްކޮޅުން މިއީ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. މި ފަހަރު ލީގުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ލީގުގެ 20 ވަނައިގައި އޮތް ޝެފީލްޑަށް 20 މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.
ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ 24 ގަޑިިއިރުތެރޭގައި އާ ކޯޗު ތޯމަސް ޓުޗެލް ވަނީ މެޗަކަށް ނުކުމެފަ އެވެ. ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޗެލްސީ ލީގުގެ އަށް ވަނައިގައި އޮތީ 20 މެޗުން ލިބުނު 30 ޕޮއިންޓާ އެކު އެވެ.