28 ޖެނުއަރީ 2021 - 11:34

މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ވައުދުގެ ތެރެއިން މާލެ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ 3،000 ފްލެޓެއްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން އިއުލާންކުރި އެވެ. ނަމަވެސް އަހަރު ނިމުނު އިރު އެ މަސައްކަތް ފެށޭ ވަރެއް ނުވި އެވެ.

މާލެ ރައްޔިތުންނަށް އަޅާ 3،000 ފްލެޓްގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ އިއުލާން ކުރެއްވީ ފެބްރުއަރީ 17، 2020 ގަ އެވެ. ނަމަވެސް ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް ވެސް ކުރިމަތިވެ ހުރިހާ މަޝްރޫއެއް މަޑުޖައްސައިލި އެވެ.
އޭގެ ފަހުން އެ މަޝްރޫއު އަލުން ފަށާނެ ވާހަކަ ރައީސް ވިދާޅުވީ ނޮވެމްބަރު 11، 2020 ގައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މާލެ ރައްޔިތުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ 3،000 ފްލެޓްގެ ބިންގާ ޑިސެމްބަރު ނިމުމުގެ ކުރިން އަޅާނެ އެވެ. ނަމަވެސް އެގޮތަކަށް އެކަމެއް ނުދިޔަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގަތް މަބްރޫކް އަޒީޒް ވިދާޅުވީ ޑިސެމްބަރަށް މަޝްރޫއު ނުފެށުނީ އިތުރު ލަސްތަކެއް އައިސްގެން ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާ ކަމަށް ވިދާޅުވި އެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދަން ސަރުކާރުން ކުރިން ރާވާފައި އޮތީ 1،700 ހައުސިން ޔުނިޓާއި 1،300 ހައުސިން ޔުނިޓް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާށެވެ.
އެކަމަކު މަބްރޫކް ވިދާޅުވި ގޮތުގައި އެ އުސޫލަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިހާރު ރާވާފައި ވަނީ ކައުންސިލް، އެފޯޑަބަލް އަދި މިޑް ރޭންޖްގެ ހައުސިން ޔުނިޓް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އެ މަޝްރޫއުތަކުގައި ދެ ކޮޓަރީގެ ފްލެޓެއްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ ބޮޑު މިނަކީ 900 އަކަފޫޓެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އެ އުސޫލުތަކަށް ބިނާކޮށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން 1،000 ފްލެޓް އަޅަން އެޕޯލޯ ހޯލްޑިންގްސްއާ ވަނީ ހަވާލުކޮށްފަ އެވެ. މި ފްލެޓްތައް އަޅާނީ ވެސް، މަބްރޫކް ވިދާޅުވި ގޮތުގައި، ކައުންސިލް، އެފޯޑަބަލް އަދި މިޑް ރޭންޖް ހިމަނައިގެންނެވެ. އެހެންކަމުން އެއީ ތިން ފެންވަރަކަށް ހަދާ އެޕާޓްމަންޓްތަކެކެވެ.
އޭގެ އިތުރުން ހެޔޮ އަގެއްގައި ދޫކުރާ އެފޯޑަބަލް ރޭންޖުގެ 4،000 ހައުސިން ޔުނިޓެއް ތަރައްގީކުރަން ބޭނުންވާ ލޯނާ ބެހޭ ކަންކަމާއި މަޝްވަރާތައް ކުރިއަށް ދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 4،000 ހައުސިން ޔުނިޓު އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ވެވަޑައިގަތް ވައުދެކެވެ. އަދި ވެރިކަމަށް ވަޑައިގެން ހެއްދެވި ދިރާސާތަކުގެ އަލީގައި މާލެ ރައްޔިތުންނަށް އެއަށް ވުރެ އިތުރަށް ބޯހިޔާވެހިކަން ބޭނުންވާކަން ދެނެގަނެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން، ރައީސް ވިދާޅުވެފައި ވަނީ، މި އަހަރު އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާނީ ބޯހިޔާވެހިކަމާ ގުޅޭ މަޝްރޫއުތައް ކަމަށެވެ.
މާލޭގެ ގިނ ރައްޔިތުންގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ ބޯހިޔާވެހިކަން ނުލިބި ހާލުގައި އުޅެން ޖެހުމެވެ. ކުރީ ސަރުކާރުތަކާއި މި ސަރުކާރުގެ މިހާތަނަށް އައިއިރު ވެސް އެ ޝަކުވާތަކަށް ހައްލެއް ނުލިބެ އެވެ.