27 ޖެނުއަރީ 2021 - 22:47

ކޮވިޑް-19 އަށް ރާއްޖެ އިން 143 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ. މީގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ.
މިދިޔަ އޭޕްރީލް މަހު މާލެ ތެރޭގައި ފެތުރެން ފެށި މި ބަލިމަޑުކަން މި ފަހުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު، މިހާރު ދަނީ އަނެއްކާ ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ. މިއީ މި ފަހުން ބަލި ޖެހޭ މީހުންގެ އަދަދު 100އަށް ވުރެ އިތުރުވި ހަތަރު ވަނަ ދުވަހެވެ.
ހެލްތު ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 ޕޮޒިޓިވްވި މީހުންގެ އަދަދު 143 އަށް އަރާފައިވާއިރު މާލޭ ސަރަހައްދުން 112 މީހަކަށް ބަލިޖެހިފައިވާ ކަމަށެވެ. އެކި ރަށްރަށުން ހަތް މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން، 24 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،677 ސާމްޕަލް ވަނީ ނަގައިފަ އެވެ.
އެޗްޕީއޭން ބުނިގޮތުގައި މިހާތަނަށް 15،390 މީހަކު ޕޮޒިޓިވްވެފައިވާއިރު 13،966 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލި މީހުންގެ ގޮތުގައި ތިބީ 1،366 މީހުންނެވެ. އޭގެ ތެރެއިން 101 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށް، ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ. އަދި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭ ވަގުތު ވެސް ވަނީ މަދުކޮށްފަ އެވެ.