08 ނޮވެމްބަރ 2016 - 10:13

މިލާން (ނޮވެމްބަރު 8) – އިންޓަ މިލާނުގެ ސީއީއޯ މައިކަލް ބޮލިންބްރޯކް އިސްތިއުފާ ދިނުމުން މަގާމަށް ޗައިނާގެ ޖުން ލިއު ހަމަޖައްސައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރު ބޮލިންބްރޯކް އިންޓަ އިން ވަކިވީ އެ ކްލަބުގެ ކޯޗުކަމުން ފްރޭންކް ޑި ބޮއާ ވަކިކުރުމާ ގުޅިގެންނެވެ. ނަތީޖާތައް ދަށްވުމާ ގުޅިގެން ޑި ބޮއާ ވަކިކުރަން ނިންމީ އިންޓަގެ މެޖޯރިޓީ ޝެއާހޯލްޑަރު ޗައިނާގެ ސުނިން ގްރޫޕަށް ނިސްބަތްވާ ޑިރެކްޓަރުންނެވެ.
އިންޓަގެ އާ ސީއީއޯ ޖުން ލިއު އަކީ ސުނިން ސްޕޯޓްސް ގްރޫޕުގެ ވައިސް ޗެއާމަނެވެ. އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނޭ ޖުން ލިއު ކްލަބް ހިންގަން ފެށުމާ އެކު ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސުނިން އިން ބުނެ އެވެ.
"ޖުން ލިއުގެ އެންމެ މުހިއްމު އެއް މަސައްކަތަކަށް ވާތީ އިންޓަ އާއި ސުނިން ގްރޫޕާ ދެމެދު ފާލަމެއްގެ ގޮތުގައި މަސައްކަތްކުރުން. އޭނާ އައުމާ އެކު ކްލަބުގެ ނިންމުންތައް ނިންމުން އަވަސް ވެގެންދާނެ،" ސުނިން ގްރޫޕުން ބުނެފައިވެ އެވެ.
ޖުން ލިއު އަކީ ޔޫރަޕުގެ މަތީ ފަންތީގެ ކްލަބެއްގެ ހިންގުމާ ހަވާލުވާ އޭޝިއާގެ ފުރަތަމަ އެޑްމިނިސްޓްރޭޓަރެވެ. އޭނާގެ ކިބައިގައި ކުޅިވަރު ހިންގުމުގެ ތަޖުރިބާ އެބަހުރި ކަމަށް ސުނިން ގްރޫޕުން ބުނެ އެވެ.
އިޓަލީގެ ބިލިއަނަރު މަސީމޯ މޮރާޓީ އަށް ފަހު އިންޓައާ ހަވާލުވި އިންޑޮނީޝިއާގެ އެރިކް ތޯހިރަށް ވެސް ކްލަބް ރަނގަޅު ހިސާބަކަށް ނުގެންދެވުނުއިރު އަލަށް ހަވާލުވި ސުނިން އިން ވަނީ މި ފަހަރު މަޝްހޫރު ގިނަ ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ އެވާ ބަނޭގާ އާއި ޔޮއާ މާރިއޯގެ އިތުރުން ބްރެޒިލްގެ އުއްމީދީ ތަރި ގަބިގޯލް ހިމެނެ އެވެ. އެކަމަކު ނަތީޖާ ދަށްވުމުން ކޯޗު ވަކިކޮށްފައިވާއިރު އާ ކޯޗަކަށް ލާޒިއޯގެ ކުރީގެ ކޯޗު ސްޓެފާނޯ ޕިއޯލީ މާދަމާ ހަމަޖައްސާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޗައިނާގެ ފުޓްބޯޅައަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ދަނޑިވަޅެއްގައި އެ ގައުމުގެ ވިޔަފާރިވެރިން އަންނަނީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ނުފޫޒު ގަދަކުރަން މަސައްކަތްކުރަމުންނެވެ. އެގޮތުން ޗައިނާގެ ބިލިއަނަރުން ހިމެނޭ ކޮންސޯޓިއަމަކުން ވަނީ އިޓަލީގެ އޭސީ މިލާން ގަނެފަ އެވެ.