27 ޖެނުއަރީ 2021 - 20:22

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ތާއީދުކޮށްފި އެވެ.
މާޔަން ތުހުމަތުކުރައްވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އަށް އޭނާއާ ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އަށް ކާމިޔާބު ހޯދައިދޭން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުއްވި ކަމަށާއި ކަންކަން ނިންމުމުގައި ރަސްމީ އިދާރާތަކުން ޖިންސުގެ ތަފާތުކުރުންތައް ގެންގުޅުނު ކަަމަށެވެ.
މާޔަން ހުށަހެޅި އެ މައްސަލައާ ބެހޭގޮތުން މިދިޔަ ހޯމަ ދުވަހު ސީީއޭއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އެ އިންތިހާބުގެ ތެރޭގައި އޭއެފްސީން ޖިންސީ ތަފާތު ކުރުން ގެންގުޅުނު ކަމަށާ އަދި އެ އިންތިހާބަށް ނުރަނގަޅު ނުފޫޒުތައް ފޯރުވި ކަމަށް ކޮށްފައިވާ ތުހުމަތު ސީއޭއެސްގެ ޕެނަލަށް ސާބިތުވާ ކަމަށެވެ. އެކަމަކު މާޔަން ހުށަހަޅުއްވާފައިވާ ގޮތަަށް އިންތިހާބުގެ ނަތީޖާތައް ބާތިލް ކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށް ބަޔާނުގައިވެ އެވެ. އެ ގޮތުން އިންތިހާބާ ބެހޭ ވަކި ނިންމުމެއް ނިންމާނީ އޭއެފްސީން ކަމަށް ސީއޭއެސް އިން ބުނެފައިވެ އެވެ.
މާޔަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ހުށަހެޅި މައްސަލައިގައިވާ ކަންތައްތައް ސީއޭއެސް އަށް ސާބިތުވެފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އެކަމަކު ކަންބޮޑުވާ ކަމަކީ އޭއެފްސީގެ އެ އިންތިހާބުގެ ނަތީޖާ ބާތިލްކުރަން ނުނިންމުން ކަމަށާއި މިހާރު މިކަމުގައި ވީ އެންމެ އަވަހަށް އިންސާފުވެރި ނިންމުމެއް ނިންމަން ޖެހޭ ބަޔަކީ އޭއެފްސީ ކަމަށް މާޔަން ގަބޫލުކުރެ އެވެ.
ޝެއިޚް އަހުމަދު ފަދަ މީހަކާ ދެކޮޅަށް މިފަދަ މައްސަލައެއް މާޔަން ހުށަހެޅުއްވުމުން ކުޅިވަރު ދުނިޔޭގެ ސަމާލުކަން މިކަމަށް ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.
މީގެ ކުރިން މަޝްހޫރު ނޫސް ނިއުޔޯކް ޓައިމްސް އަށް މާޔަން ދިން އިންޓަވިއުއެއްގައި ވިދާޅުވީ މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭއެފްސީގެ ހެޑްކުއާޓަރުގައި ބޭއްވި އިންތިހާބުގެ ކުރިން ޝެއިޚް އަހުމަދާ ބައްދަލުކުރެއްވުމުން، ނަން އަނބުރާ ނެގުމަށް އެދިވަޑައިގަތް ކަމަށެވެ. ސަބަބަކީ މަހްފޫޒާ އަށް ތާއީދުކުރަން ޝެއިޚް އަހުމަދު ނިންމަވާފައިވުމެވެ. މާޔަން ނަން އަނބުރާ ނަންގަވައިފި ނަމަ ފީފާ ނުވަތަ އޭޝިއާގެ ފުޓްބޯޅައިގެ މަގާމެއް ހަމަޖައްސައި ދެވިދާނެ ކަމަށާއި އެކަމަކު އެގޮތަށް އަމަލުނުކޮށްފި ނަމަ އޭނާގެ ކެރިއަރު ނިމި، ރާއްޖެ އަށް ވެސް ގެއްލުންވެދާނެ ކަމަށް ޝެއިޚް އަހުމަދު ވިދާޅުވި ކަމަށް މާޔަންއާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެ އެވެ.
މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތް ކުރައްވާފައިވާ މާޔަން ވަނީ ގައުމީ އަންހެން ޓީމަށް ވެސް ކުޅުއްވައިފަ އެވެ. އަދި 2003 ވަނަ އަހަރު ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު މަސައްކަތް ފައްޓަވައި، ފަހުން އަންހެން ފުޓްބޯޅައިގެ ހެޑްގެ މަގާމު ވެސް ފުރުއްވި އެވެ. ގިނަ އަހަރުތަކެއް ފަހުން އެފްއޭއެމްއާ ދުރަށް ވަޑައިގެންނެވި ނަމަވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ފާހަގަކޮށްލެވޭ މަަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.