27 ޖެނުއަރީ 2021 - 18:43

ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-1 އިން މޮޅުވެ، މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ މި ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ވެލެންސިއާ ދެ ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ދަ ގްރާންޑޭ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.
މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މިއީ އޭނާ އެ ޓީމާ ހަވާލުވި ފަހުން އެ ޓީމު އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށާއި ލިބުނީ ވެސް ހައްގު މޮޅެއް ކަމަށެވެ. ލީގު ޓޭބަލްގެ ކުރީގައި ލީޑެއް ލިބުމުން އޭގެ ބަލަންޖެހޭ ކަންތައްތަކަށް ވުރެ މެޗަކުން މޮޅުވެގެން ކޮންފިޑެންސް ރަނގަޅުވުން އެއީ އޭނާ އަށް އޮތް ހިތްހަމަޖެހުމެއް ކަމަށް ވިޑަކޮވިޗް ބުންޏެވެ.
"ކުޅުންތެރިންނަށް އެބަ އެނގޭ އަހަރެން ގެންނަން ބޭނުންވާ ބަދަލު. އެ ބަދަަލަކީ މި ޓީމަށް ވެސް ރަނގަޅުވާނެ ބަދަލެއް. މޮޅުވުމަކީ އަބަދުވެސް ކޮންފިޑެންސް ރަނގަޅުކުރަން މުހިއްމު ކަމެއް. އެކަމަކު އަހަރެމެންނަށް ނެތް ހަމަޖެހިލެވެން އެއީ ހަގީގަތަކީ. އެއީ ކޮންފިޑެންސް ގެއްލިދާނެ ދެ ސިކުންތުތެރޭގައި އެ ދިމާވާ ކަމަކުުން ވެސް،" ވިޑަކޮވިޗް ބުންޏެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރިއާތެރެއިން ހަމްޕު ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާގެ ފުރަތަމަ ފުރުސަތު ލިބުނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށެވެ. މާޒިޔާގެ ސާބިއާ ޑިފެންޑަރު ޕީޓަ ޕްލެނިޗަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި ބޮކުރީ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް މާޒިޔާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. މެޗުގެ 20 ވަނަ މިނިޓްގައި މެދުތެރެއިން ހަމްޕު ދިން ބޯޅައެއް ހޯދައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުސްކޮށްލާފައި އަސަދުﷲ އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފަ އެވެ.
އޭގެ ފަހުން ވެލެންސިއާ އިން މެޗުގެ ތެރެއަށް ވަދެ ކުޅެން ފެށި އެވެ. އެކަމަކު އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭގޮތް ނުވުމުން ވެލެންސިއާ އިން މަސައްކަތްކުރީ ދުރުން ޝޮޓް ޖަހައިގެން ގޯލު ޖަހާށެވެ. އެ ގޮތުން ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. ކޯނޭ ޖެހި ބޯޅަ ކީޕަރު ފައިސަލް މަތަކުރިއިރު، ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އިބްރާހިމް އައިސަމް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ މާޒިޔާ އިން ވަނީ ލީޑުނަގައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް މުހައްމަދު އިރުފާން (އިރޭ)، މި ގޯލުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. ކޯނަރަކުން ހަމްޕު ނެގި ބޯޅަ އިރޭ ބޮލުން ފޮނުވާލުމުން ކީިޕަރު ފައިސަލް އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓެން ދިޔަ ބޯޅަ ޕީޓަ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފަހުން ލީޑުފުޅާކުރަން އިރޭ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 68 ވަަނަ މިނިޓްގައި ކޯނޭ ޖެހި ގޯލުންނެވެ. ވެލެންސިއާ ޑިފެންޑަރުން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އޭރިއާތެރެއިން ލިބުނު ބޯޅަ ކޯނޭ ވަނީ ކީޕަރު ފައިސަލަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ވެލެންސިއާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 80 ވަަނަ މިނިޓްގަ އެވެ. އޭރިއާތެެރެއިން ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ކޯނޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާތެރެއިން ވެލެންސިއާ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އިތުރު ވަގުތުގައި ވެލެންސިއާ އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗު ދިޔައީ ދާދި ހަަމަހަމަކޮށް ކަމަށާއި ވެލެންސިއާ އަށް މެޗު ގެއްލުނީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. މާޒިޔާ އަތުން ބަލިވެގެން މާޔޫސްވާން ނުޖެހޭ ކަމަށާއި އަދިވެސް ގަބޫލުކުރާގޮތުގައި ވެލެންސިއާ އޮތީ ރަނގަޅު ޓްރެކުގައި ކަމަށް އާތީ ބުންޏެވެ.
"ލީގެއް ކުޅޭއިރު ޕްރެޝަރަކީ ފޭސް ކުރަން ޖެހޭނެ އެއްޗެއް. މުބާރާތަކަށް ޓީމަކާ ހަވާލުވާއިރު ވެސް އެނގޭނެ މިއީ ކިހާވަރެއްގެ ޓީމެއްކަން. ކިހާ ޕްރެޝަރެއްކަން މި އިންނަނީ. އެ އިނގިގެން ހަވާލުމިވަނީ. އެ ޕްރެޝަރުގައި މި އުޅެނީ. ފުޓްބޯޅައިގައި ޕްރެޝަރަކީ މައްސަލައެއް ނޫން. ޕްރެޝަރު ހުންނާނެ. ގޭގައި ނިދަން އޮވެގެން ޕްރެޝަރެއް ނާންނާނެހެން މަށަށް ހީވަނީ. މި ހަވާލުވަނީ ވަރަށް ސަޕޯޓަރުން ގިނަ ވަރަށް ޗެލެންޖިން ޓީމެއްކަން އެނގޭ. އަދިވެސް މި އޮތީ ނުބައި ޓްރެކެއްގައެއް ނޫން. ވަރަށް ކޮންފިޑެންސާ އެކީ މިދަނީ،" އާތީ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.