27 ޖެނުއަރީ 2021 - 19:35

ރާއްޖޭގެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)، ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމުން މިއަދު އިސްތިއުފާދީފި އެވެ.
ޝާޒް ޓީސީން ވަކިވިކަން އޭނާ އާއި އެ ކްލަބުން ވެސް ވަނީ "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.
ޝާޒް ޓީސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ޝާޒް އަކީ މި ފަހަރުގެ ފުރަތަމަ ޑިވިޝަންގެ ދެ ވަނަ ބުރު ފެށުމުގެ ކުރިން ޓީމާ ވަކިވި ފަސް ވަނަ ކޯޗެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު ކޯޗުން ބަދަލުނުވެ އޮތީ ތިން ޓީމެވެ. މީގެ ކުރިން ޓީމާ ވަކިވި ކޯޗުންނަކީ މާޒިޔާގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ)، އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ހަވާލުވެ ހުރި މުހައްމަދު އާދަމް އެވެ. މީގެ ތެރެއިން މޯހަން ވަނީ ސަސްއާ ހަވާލުވެފަ އެވެ.
ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު) "މިހާރު" އަށް ވިދާޅުވީ ޝާޒްއާ އެކު މިދިޔަ ދެ ދުވަހު ދެކެވުނު ވާހަކަތަކަށް ފަހު ދެ ފަރާތް މެދުގައި އެއްބަސްވެވުނީ މި ވަގުތަށް ހާލަތާއި އެކި ކަންތައްތަކަށް ބެލުމަށް ފަހު އެންމެ ރަނގަޅު ނިންމުމަކީ ޝާޒް ޓީމާ ވަކިވުން ކަމަށެވެ.
"ހަގީގަތުގައި އެއްވެސް ގޮތަކަށް މިއީ ނަތީޖާ ދަށްވެގެން އައި ނިންމުމެއް ނޫން. މި ސީޒަނަށް ޓީސީން ހަގީގަތުގައި ތައްޔާރުވީ ނަތީޖާގެ އިތުރުން އެހެން ޑިވެލޮޕްމަންޓުގެ ޕްލޭންތަކަކާ ވެސް އެކީގައި. ދެން ކޯޗު ކުރަމުން އައި މަސައްކަތް ވެސް ރަނގަޅަށް ދިޔަ ނަމަވެސް ޕްލޭނާ އެއްގޮތަށް އެ ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ވެސް ނުދާތީ ދެ ފަރާތަށް ވާހަކަ ދެކެވުނީ މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ކޯޗާއި ޓީމު ވަކިވުން ކަމަށް،" އައްބާސް ވިދާޅުވި އެވެ.
ލީގުގެ ދެ ވަނަ ބުރުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ޓީސީ ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު އެވެ. ޓީސީން ބުނީ ތިން ވަރަކަށް ކޯޗުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ދަ ގްރާންޑޭ މެޗަށް ފަހު ކޯޗެއް ހަމަޖައްސާނެ ކަމަށެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓީސީން ވާހަކަ ދައްކާ އެއް ކޯޗަކީ މީގެ ކުރިން އެ ޓީމަށް ކާމިޔާބު ހޯދައިދީފައިވާ ނިޒާމްބެ އެވެ.
މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޓީސީ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނިކޮށް ޝާޒް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީސީއާ ހަވާލުވެ، އެ ޓީމުގެ ހާލަތާއި ނަތީޖާތައް ރަނގަޅުކުރި އެވެ. މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގައި ވެސް ޝާޒް ޓީސީ ގޮވައިގެން ނުކުތެވެ. އޭއެފްސީ ކަޕްގައި ޓީސީ ވެސް މެޗެއް ކުޅެފައިވަނިކޮށް ފަހުން އޭއެފްސީން ނިންމީ އެ މުބާރާތް ކެންސަލްކުރާށެވެ.
ޓީސީން މި ސީޒަނަށް ނުކުތީ މިދިޔަ އަހަރުތަކާ އަޅާބަލާއިރު ނިސްބަތުން ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ. އެއީ މާލީ ގޮތުން ޓީސީ އަށް ހުރި ގޮންޖެހުންތަކާއި އެހެނިހެން ސަބަބުތަކާ ހުރެ ޓީސީން މި ފަހަރުގެ ސީޒަނަށް ބޮޑު އަގުގައި ކުޅުންތެރިން ނުގެންނަން ނިންމުމާ އެކު އެވެ. ޝާޒް ޓީސީގެ ކޯޗުކަމުން ވަކިވިއިރު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ހަތް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު، މޮޅުވީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، ތިން މެޗުވީ އެއްވަރެވެ.
ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ވެސް ފެނުނު ޝާޒް ވަނީ ޓީސީ ގޮވައިގެން ފުޓްބޯޅައިގެ ރަނގަޅު ޗެލެންޖެއް ނެގުމުގެ ގަސްދުގައި މަސައްކަތްތަކެއްކޮށް މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ދެ ނަތީޖާ އަކީ ލީގުގައި އީގަލްސް ބަލިކުރުމުގެ އިތުރުން ކްލަބް ވެލެންސިއާއާ އެއްވަރުކުރުމެވެ. ޝާޒްގެ ކޯޗުކަމުގައި ޓީސީން ކުޅުނު ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ.