27 ޖެނުއަރީ 2021 - 14:23

ބްރަސެލްސް (ޖެނުއަރީ 27) - ޔޫރަޕުގެ ގައުމުތަކުން ދިން ކޮވިޑް ވެކްސިންގެ އޯޑަރުތައް ލަސްވާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ލީޑަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ވެކްސިން އުފައްދާ ބައެއް ކުންފުނިތަކުން ޔޫރަޕަށް ވެކްސިން ނުފޮނުވައި އެހެން ގައުމުތަކަށް ފައިދާއާ އެކު ވެކްސިން ވިއްކާކަމުގެ ތުހުމަތުތައް ވެސް ދަނީ ކުރަމުންނެވެ. އެސްޓްރަޒެނެކާގެ ސީއީއޯ ވިދާޅުވީ ޔޫރަޕުން އޯޑަރު ދިން އެއްވެސް ވެކްސިނެއް ބޮޑު ފައިދާގައި އެހެން ގައުމަކަށް ނުވިއްކާ ކަމަށެވެ.
އިނގިރޭސިވިލާތާއި ސްވިޑަންގެ ކުންފުނިން ބުނެފައި ވަނީ ވެކްސިން އުފެއްދުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ޔޫރަޕަށް ފޮނުވާ ޝިޕްމަންޓްތަކަށް ލަސްކަމެއް އަތުވެދާނެ ކަމަށެވެ. އެއާ އެކު ޔޫރަޕިއަން ހެލްތު ކޮމިޝަނަރު ވަނީ ޔޫރަޕް ނޫން ގައުމުތަކަށް ފޮނުވާ ވެކްސިން ޝިޕްމަންޓްތައް ޓްރެކްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"ޔޫރަޕުން ބޭނުންވޭ ކިހާ ޑޯޒެއް މިހާތަނަށް އުފައްދައިފިތޯ އާއި އެ ވެކްސިންތައް ފޮނުވީ ކޮން ތަނަކަށްތޯ ބަލަން،" ހެލްތު ކޮމިޝަނަރު ވިދާޅުވި އެވެ.
އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ ވެކްސިން އުފެއްދުމުގައި ދިމާވި މައްސަލަތައް ހައްލު ކުރުމުގައި ޓެކްނިކަލް ޓީމުތަކުން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށެވެ.
"ޔޫރަޕުން އޯޑަރު ދިން ވެކްސިން ބޮޑު ފައިދާގައި އެހެން އެއްވެސް ގައުމަކަށް ނުވިއްކަން،" އެސްޓްރަޒެނެކާ އިން ބުނެފައިވެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުނިން ބުނެފައި ވަނީ ވެކްސިންގެ ވިޔަފާރިން ބޮޑު ފައިދާ ހޯދަން މަސައްކަތް ނުކުރާނެ ކަމަށެވެ.