ރާއްޖޭން އަބޫދާބީއަށް ދާ މީހުން ކަރަންޓީނުވާކަށް ނުޖެހޭ
ރާއްޖޭން އަބޫދާބީއަށް ދާ މީހުން ކަރަންޓީނުވާކަށް ނުޖެހޭ

ރާއްޖޭން ޔޫއޭއީގެ ވެރިރަށް އަބުދާބީއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭގޮތަށް ހަމަޖައްސައިފި އެވެ.

އެ ގައުމުން މިގޮތަށް ނިންމައި އެ ގައުމުގެ "ގްރީން" ލިސްޓު ހިމެނީ އިއްޔެ އެވެ. މި ލިސްޓަށް ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ އާއި ސިންގަޕޫރާއި ގްރީން ލޭންޑު ވެސް ވަނީ އިތުރުކޮށްފަ އެވެ.

އަބުދާބީން މި ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބަލި ފެތުރޭ އަދަދަށް ބަލައިފަ އެވެ. މި ލިސްޓަކީ ކޮންމެ ދުވަހަކު ބަދަލުވާ ލިސްޓެކެވެ. އިއްޔެ އަޕްޑޭޓުކުރި ލިސްޓުން ކުވައިތާއި މަކާއޯ ފަދަ ބައެއް ގައުމުތައް ވަނީ އުނިކޮށްފަ އެވެ.

ރާއްޖޭން އަބުދާބީ އަށް ދާ މީހުން ކަރަންޓީނުވާން ނުޖެހުނަސް އެ ގައުމަށް ދިއުމާއެކު ޕީސީއާރު ޓެސްޓު ކުރާނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވުމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ރާއްޖޭން އެ ގައުމުތަކަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭގޮތަށް ހަދައިފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭން 15،247 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން އިއްޔެ އެކަނި 145 އާ ކޭސްތައް ވަނީ ފެނިފަ އެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެހެން އެންމެން ކަރަންޓީން ވާން ޖެހޭގޮތަށް ހަދައިފަ އެވެ.