ޖޭއެސްސީއަށް ހުށަހެޅި ޝަކުވާ ދެ ގުނަ އިތުރު؛ ގިނައީ ނުބަލަން ނިންމި މައްސަލަތައް
ޖޭއެސްސީއަށް ހުށަހެޅި ޝަކުވާ ދެ ގުނަ އިތުރު؛ ގިނައީ ނުބަލަން ނިންމި މައްސަލަތައް

މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަތައް ދެ ގުނަ އިތުރު ވިޔަސް، ގިނަ މައްސަލަތައް ތަހުގީގުކުރަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖޭއެސްސީން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޭގެ ކުރީ އަހަރަށް ވުރެ ދެ ގުނަ އިތުރަށް އެ ކޮމިޝަނަށް މައްސަލަތައް ހުށަހެޅި އެވެ. ކޮމިޝަނަށް 2019 ވަނަ އަހަރު ހުށަހެޅީ 114 މައްސަލައެއް ކަމަށް ވިޔަސް، މިދިޔަ އަހަރު 288 މައްސަލައެއް ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ހިސާބުތައް ދައްކާ ގޮތުން ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމެޓީއަށް ދިޔަ 300 އަށް ވުރެ ގިނަ މައްސަލައިގެ ތެރެއިން 77 ޕަސެންޓް މައްސަލާގައި ނިންމީ ތަހުގީގުކުރަން ނުފެންނަ ކަމަށެވެ. ތަހުގީގު ހިންގަން 12 ޕަސެންޓް މައްސަލަތަކުގައި ނިންމިއިރު، 11 ޕަސެންޓް މައްސަލަތަކުގައި އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ކޮމިޝަނުން ނިންމީ 54 މައްސަލައެކެވެ. އޭގެ ތެރެއިން 74 ޕަސެންޓް މައްސަލަ ސާބިތުވެފައިވެ އެވެ. މިދިޔަ އަހަރު ނުވަ ބޭފުޅަކު ފަނޑިޔާރު ކަމުން ވަކިކުރަން އަދި ދެ ބޭފުޅަކު ސަސްޕެންޑް ކުރުމުގެ އިތުރުން ހަތަރު ބޭފުޅަކު ނަސޭހަތާ އެކު ތަމްރީން ފުރިހަމަ ކުރަންޖެހޭ ގޮތަށް އެ ކޮމިޝަނުން ނިންމި އެވެ.