10 ނޮވެމްބަރ 2016 - 06:22

ފެނާ ނުލައި އުޅެވޭނެ ގޮތެއް ނެތެވެ. ހަަށިގަނޑުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ހިންގުމަށް ފުދޭ ވަރަށް ފެން ބޭނުންވާނެ އެވެ. އެ މިންވަރަށް ފެން ނުލިބޭ ނަމަ ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެ އެވެ. އެހެންވެ ގިނައިން ފެން ބުއިމަށް އަބަދުވެސް ލަފާ ދެ އެވެ. ސުވާލަކީ ވަކި ވަރަކަށް ވުރެ ގިނައިން ފެން ބޯންވާނެ ހެއްޔެވެ؟
ފެން ބޯންޖެހޭ ވެސް ވަކި މިންވަރެއް އޮވެ އެވެ. ފެން މާ ގިނަވުން ނުވަތަ "ވޯޓަ އިންޓޮކްސިކޭޝަން" އަކީ ލޭގައި ހުންނަ ލޮނުގެ ބައި، ފެނާ އެކުވެގެން ދިއުން ކަމަށް ބޮސްޓަން މެރަތަންގެ ކޯ މެޑިކަލް ޑިރެކްޓަރު އަދި މެސެޝޫސެޓްސް ޖެނެރަލް ހޮސްޕިޓަލް ޑރ. އާރޯން ބަގީޝް ވިދާޅުވެފައިވެ އެވެ.
"ލޭގައި ސޯޑިއަމް (ލޮނު) ގެ މިންވަރު ދަށްވުމުން ހަގީގަތުގައި މި ވާ ގޮތަކީ ލޭގެ ތެރެއިން އެހެން ޓިޝޫތަކުގެ ތެރެއަށް ފެން ލީކުވަނީ،" ހައިޕޮނަޓްރީމިއާ ކިޔާ މި މައްސަލަ ތަފްސީލްކޮށްދެއްވަމުން ބަގީޝް ވިދާޅުވެފައިވެ އެވެ.
ހައިޕޮނަޓްރީމިއާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުވާ ގުނަވަނަކީ ސިކުނޑި ކަމަށް ވަނީ ބެލެވިފަ އެވެ. ލޭގެ ތެރެއިން ސިކުނޑީގެ ސެލްތަކަށް ފެން ލީކުވާން ފެށުމުން ދުޅަވާނެ ކަމަށް ބަގީޝް ވިދާޅުވެފައިވެ އެވެ. މިހެން ވުމުން ކަންކަމުގައި އޮޅުން އެރުމާއި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ފަދަ އުނދަގޫތަކާ ކުރިމަތިވެ އެވެ. މި ކަންކަމުގެ އުނދަގޫ އެހާ ބޮޑު ނުވާނެ ކަމަށާއި އެކަމަކު ފަރުވާ ނުކޮށް ބަހައްޓައިފި ނަމަ ފިޓް ޖެހުން ފަދަ ކަންކަމާ ކުރިމަތިވުމުގެ ނުރައްކާ އޮންނާނެ ކަމަށް ބަގީޝް ވިދާޅުވި އެވެ.
މީގެ އެންމެ ނުރައްކާ ހާލަތުގައި ސިކުނޑި ހުއްޓުމެއް ނެތި ދުޅަވެ އެވެ. މިއީ ބްރެއިން ސްޓެމް ހާނިއޭޝަން އެވެ.
އެކަމަކު ބަގީޝް ވިދާޅުވީ "ވޯޓާ އިންޓޮކްސިކޭޝަން"ގެ ސަބަބުން މަރުވުން ވަރަށް ނާދިރު ކަމަށެވެ.